ރައްޔިތުންނަށްދެވޭ ޚިދުމަތުގެ އަގު ހެޔޮކުރުމަށް 429މިލިޔަން ރުފިޔާ ބަޖެޓްގައި ހިމަނައިފި
ޢާއްމު ރައްޔިތުންނަށްދެވޭ ޚިދުމަތްތަކުގެ އަގުހެޔޮކުރުމަށް އަންނަ 2008ވަނަ އަހަރަށް ލަފާކުރައްވައި މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބަޖެޓްގައި، 429 މިލިޔަން ރުފިޔާ ސަބްސިޓީޒްގެ ގޮތުގައި، ވަނީ ހިމަނުއްވައިފައެވެ.
ފިނޭންސް މިނިސްޓަރ ޤާސިމްއިބްރާޙިމް މިއަދު ވިދާޅުވީ، މީގެ ތެރޭގައި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކުންފުނިން، ޢާއްމުކޮށް ބެހެއްޓިފައިވާ ފެން އިސްކުރުބަރިތަކުން ދޫކުރާ ފެނުގެ އަގުދެއްކުމަށް 4 މިލިޔަންރުފިޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އަދި އެސް.ޓީ.އޯ.އިން ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގުހެޔޮކުރުމާއި ގުޅިގެން ދައްކާ 90މިލިޔަން ރުފިޔާއާއި، އަތޮޅުތަކުގެ ކަރަންޓްގެ އަގުހެޔޮކޮށްދިނުމަށް 110 މިލިޔަންރުފިޔާ ދިނުމަށް ކަނޑައަލާފައިވާކަމަށެވެ. މީގެ އިތުރުން ސްޓެލްކޯއިން އަގުހެޔޮކޮށް ކަރަންޓް ދިނުމަށް 200މިލިޔަންރުފިޔާ ދިނުމަށް ބަޖެޓްގައި ކަނޑައަޅާފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.


