އެމެރިކާގެ " ބޮޑު އަންގާރަ " - އޮބާމާ އާއި ހިލަރީ، ނޭވާ ހިފަހައްޓާލަން ޖެހޭ ދުވަހެއް.
ޑިމޮކްރެޓިކް ޕާޓީންނާއި ރެޕަބްލިކަން ޕާޓީން، އެމެރިކާގެ 2008 ގެ ރިޔާސީ ރޭހަށް، ނިކުންނާނެ ދެ ފަހުލަވާނަކު، ހާމަވެގެން ދާނެ " ބޮޑު އަންގާރަ " ދުވަހަށް، އިރު، އަރަމުންދާއިރު، މިއަދަކީ އެއްކޮޅުން ހިލަރީ ކްލިންޓަންގެ ދުވަސް ކަމަށް، 22 ސްޓޭޓުގެ ތެރޭން، ގިނަ ސްޓޭޓް ތަކުގެ ޚިޔާލު ހޯދުންތަކުން ވަނީ ދައްކާފައެވެ.
ޑިމޮކްރެޓިކް ޕާޓީން މިރޭހަށް ވާދަކުރާ ހިލަރީ ކްލިންޓަނާއި އޮބާމާ އަކީ، " ބޮޑު އަންގާރަ "އިގާ، އެންމެ ގާތުން ވާދަކުރަމުން އަންނަ، އަދި އެންމެ ބޮޑު ތާއީދެއް، ރައްޔިތުންގެ ތެރެއިން ހޯދާނެ ދެބޭފުޅުންކަމީ، ޝައްކަކަށް މިހާރު ޖާގައޮތް ސުވާލެއް ނޫނެވެ. މިކަން އެނގެނީ ރިޕަބްލިކަން ޕާޓީން ރިޔާސީ ރޭހަށް ނިކުންނެވި މެކެއިން ފަދަ ކެންޑިޑޭޓުންގެ މަގުބޫލުކަމާއި ޑިމޮކްރެޓުންގެ މި ދެ ފަހުލަވާނުންގެ މަގުބޫލުކަމާއި އަޅާކިއާލުމުންނެވެ.
މިކަމުން ފެނިގެންދާ އެއް ކަމަކީ، ރިޕަބްލިކަންގެ ރައީސް ބުޝްގެ ސަރުކާރުގެ ސިޔާސަތަށް ރައްޔިތުން ވެފައިވާ ފޫހިކަމާއި، ބަދަލަކަށް އެމެރިކާގެ ރައްޔިތުން ކެތް މަދުވެފައިވާ މިންވަރެވެ. ރިޕަބްލިކަންގެ ކެންޑިޑޭޓުންގެ ކެންޕެއިނަށް އެޅިފައިވާ އެންމެ ބޮޑު އެއް ހިޔަންޏަކީ މިއީކަމަށް ބެލެވެއެވެ. 
ބޮޑު އަންގާރަ ދުވަހު، ޑިމޮކްރެޓިކް ކެންޑިޑޭޓުންގެ ތެރެއިން، އޮބާމާ އެއްކޮޅުން ހޮވުނަސް އެކަންވެސް ވެގެންދާނީ އެމެރިކާގެ ތާރީޚުގެ އާސަފްޙާ އަކަށެވެ. އެއީ "އެފްރިކަން އެމެރިކަން" ފުރަތަމަ ރައީސް ކަމަށް އޮބާމާ، މައި އިންތިޚާބުގައި ވެގެން ދާނެއަތީއެވެ. އެދުވަހުން ގައުމުގެ ކޮމާންޑަރ އިން ޗީފްގެ މަގާމަށް ފުރަތަމަ ފަހަރަށް ކަޅު މީހަކަށް އާދެވުނަތީއެވެ. ޑިމޮކްރެޓުންގެ މި ދެ ކެންޑިޑޭޓުންގެ ތެރެއިން، ހިލަރީ ކްލިންޓަން، ރިޔާސީ ރޭހުގެ އެ ޕާޓީގެ ކެންޑިޑޭޓަށް ވެވަޑައިގަތް ނަމަވެސް، އެކަންވެސް އެމެރިކާގެ ތާރީޚުގައި ލިއެވިގެންދާނެއެވެ. އެހެން ވެއްޖެނަމަ އެކަމަނާއަކީ، އެމެރިކާގެ ތާރީޚުދެކޭ ފުރަތަމަ އަންހެން ރައީސަށް ވެގެން ދާނެއެވެ. އަދި ފަސްޓުލޭޑީއަކު، ވައިޓް ހައުސްގެ ރައީސްގެ ގޮނޑީގައި އިށީންނަ، ފުރަތަމަ އަންހެނާއަށްވެސް ވެގެން ދާނެއެވެ. މީގެ އިތުރުން އެމެރިކާގެ ކޮމާންޑަރ އިން ޗީފުގެ މަގާމަށް އަންހެނަކު، އަންނަ އައުންވެސް އެއީ އެގައުމުގެ ތާރީޚުގެ އައު ސަފްޙާއަކަށް ވާނެއެވެ.
ރެޕަބްލިކަން ފިޔައިގެ ކެންޑިޑޭޓުންނަށްވުރެ، ޑިމޮކްރެޓިކް ފިޔައިގެ ކެންޑިޑޭޓުންގެ ގާބިލްކަމާއި މަގުބޫލުކަން މާ ބޮޑުކަން" ބޮޑު އަންގާރަ " ދުވަހަށް، ކެންޑިޑޭޓުންގެ ކެންޕެއިން ނިންމާލިއިރު ވަނީ ކަށަވަރު ކޮށްދީފައެވެ. އެއީ ޑިމޮކްރެޓިކުން 15 ޕްރައިމަރީގައި ކުރި ހޯދުމާއި 7 ސްޓޭޓަކާއި އެމެރިކަން ސަމުއާ އިން ކާމިޔާބު ހޯދުމާއި 1،681 ޑެލިގޭޓްސް ހާސިލް ކުރުމުންނެވެ. އެހެންކަމާއެކު، 2008 ގެ ރިޔާސީ ރޭހުގެ ފައިނަލަށް ހިލަރީ ނުވަތަ އޮބާމާ އަށް ޖާގަ ލިބުނުނަމަވެސް، ރިޕަބްލިކަންގެ ޖޯން މެކެއިން ބަލިކުރައްވާ، ޑިމޮކްރެޓިކް ކެންޑިޑޭޓަކު 2008 ގެ ރިޔާސީ ދައުރު ފައްޓަވާނެ ކަމާމެދަކު ޝައްކެއް ނެތެވެ. 
މިހަގީގަތްތައް ހާމަވަމުން ދާއިރު، ބޮޑު އަންގާރައިގެ ބޮޑު ސުވާލަކީ، ރިޕަބްލިކަން ކެންޑިޑޭޓަކީ މެކެއިން ތޯ؟ އެއް ނޫނެވެ. އެންމެ ވަރުގަދަ ދެ ކެންޑިޑޭޓުން ކަމަށް ފާހަގަވެގެން އައި ހިލަރީ ކްލިންޓަނާއި އޮބާމާގެ ތެރެއިން ކޮންބޭފުޅެއްތޯ؟ އުފެދޭ ސުވާލެވެ. މިސުވާލު ނޫނީ އެހެން ސުވާލެއް، އެމެރިކާގެ މިފަހަރުގެ ރިޔާސީ ރޭހުގެ " ބޮޑު އަންގާރަ " ދުވަހަކު ނެތެވެ. ނޭވާ ހިފަހައްޓާލަން ބޭނުންވާ ހަމައެކަނި ވަގުތުކޮޅަކީ، ހިލަރީ އާއި އޮބާމާ ކުރެން، ކޮން ބޭފުޅެއްކަން، ހާމަވުމާ ހަމައަށެވެ.
ހިލަރީ ކްލިންޓަނާއި އޮބާމާގެ ކެންޕެއިނުގައި ޓީ.ވީ އިޝްތިހާރު ތަކަށް ދުވާލަކަށް 1.3 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވެއެވެ. އެންމެފަހުން ކެންޕެއިންގެ ފަހު ދުވަހު، ހިލަރީ ކްލިންޓަން ވަނީ މަޝްހޫރު ހޯލްމާކު ޗެނަލް އެއްގަޑީއިރަށް ހަޔަރކުރައްވާ، ނިވްޔޯކުގައި ބޭއްވި ބައްދަލުވުން ލައިވް ކުރައްވާފައެވެ. ކެންޕެއިންގެ އެންމެ ފަހު މަންޒިލަށް ހިލަރީ ވަޑައިގެންނެވިއިރު، އެކަމަނާގެ އަޑު ކުރަކިވެ، ކޮށިއަރައިގެން ވާހަކަ ދައްކަންވެސް ހުންނެވީ ދަތިފުޅުވެފައެވެ. އެހެން ނަމަވެސް ހިލަރީގެ މުޅި ޝެޑިއުލްވަނީ ފުރިހަމަ ކުރައްވާފައެވެ.
އަނެއްކޮޅުން އެކަމަނާގެ ފިރިކަލުން ބިލްކްލިންޓަންވެސް ވަނީ ދެމަފިރިން ކެންޕެއިނަށް ނިކުންނަ އުސޫލުން ހިލަރީގެ ކެންޕޭނަށް ފާޅުގައި ނިކުންނަވާ ހިލަރީ ހޮވުމަށާއި އެމެރިކާގެ މާދަމާގެ އުންމީދަކީ އެއީކަމަށް ވިދާޅުވެ، އެކަމަނާގެ ފަހަތުގައި ހުންނެވި ފިރިމީހާއަކީ، އެމެރިކާގެ ރައީސްކަން 4 އަހަރުގެ ދެދައުރު ކޮށް، ގައުމަށް ފާގަތިކަމާ ތިޔާގިކަމާ، ވަޒީފާގެ ކުރިއެރުމާ، ދާޚިލީ ހަމަޖެހުން ގެނެސްދިން، މީހާކަން ހަނދާން އައުކުރުމަށް ގޮވާލައްވާފައެވެ.

ހިލަރީ ކްލިންޓަނުގެ ކެންޕެއިނަށް އެޅުނުނަމަ އެޅުނު ހަމައެކަނި ހިޔަންޏަކީ، އެކަމަނާއަކީ އަންހެން ބޭފުޅަކަށް ވީކަމެވެ. އެމެރިކާއަކީ އަދިވެސް ގިނަ ސްޓޭޓުތަކުގައި ބޮޑަށް ފިރިހެން ކެންޑިޑޭޓުންނަށް ތާއީދު ލިބެމުން އަންނަ ގައުމެކެވެ. ނަމަވެސް ބައެއް ސްޓޭޓުތަކުގެ ހަގީގަތަކީ އަންހެން ކެންޑިޑޭޓުންނަށް ތާއީދު ބޮޑުވުމެވެ. ޚާއްސަކޮށް ސެނެޓަރުން ހޮވުމާއި މިނޫންވެސް މަގާމުތަކަށެވެ. ހިލަރީގެ ފިރިކަލުން، އެކަމަނާގެ ކެންޕެއިނަށް ނިކުންނެވި ނިކުންނެވުންވެސް އެއީ ފާޑުކިއުންތައް އަމާޒުވިކަމަކަށް ވިއެވެ. ސަބަބަކީ މޮނިކާ ލުއިންސްކީގެ މައްސަލައިގެ ހަނދާންތައް އައުކޮށް، ފިރިއަކު ކޮންޓްރޯލް ނުކުރެވުނު އަންބަކަށް ގައުމެއް ކޮންޓްރޯލްކުރާނީ ކިހިނެއްތޯ؟ ސުވާލުކުރަން ފެށުމާއި، މިފަދަ ޖެއްސުންތަކާ ކުރިމަތިލައްވަން ޖެހިވަޑައި ގަތުމެވެ. ނަމަވެސް މިކަންކަން އެއްފަރާތަކަށް ޖެއްސުމަށްފަހު، ހިލަރީ އެކަމަނާގެ އެޖެންޑާ އާއިގެން ވަރަށް ސާބިތު ކެންޕެއިނެއް ކުރެއްވިއެވެ.
މުޅި އެމެރިކާގެ މެޖޯރިޓީ ގަބޫލުކުރާ ގޮތުގައި ހިލަރީގެ ސިޔާސަތުތަކާ މެނިފެސްޓޯއަކީ ވަރަށް މަގުބޫލު އެއްޗެކެވެ. އެކަމަނާއަށް އެމެރިކާގެ ވިންދު އެނގެއެވެ. އިރާގުން އެމެރިކާސިފައިން ބޭލުމަކީ ރައްޔިތުންގެ ބޮޑު އެދުމެއްކަންވެސް އެނގެއެވެ. އަދި އެކަމަނާއަކީ އަންހެނުންނާއި ކުޑަކުދިންގެ ހައްގުގައި މަތިވެރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދެވި ކުޅަދާނަ ތަޖުރިބާކާރެކެވެ. އެމެރިކާގެ ސެނެޓުގެ ދެދައުރު އެކަމަނާ ފުރިހަމަކުރައްވަމުން ގެންދަވާ ގެންދެވުމަކީ މިކަންކަމުގެ ހެއްކެކެވެ. އަނެއްކޮޅުން އެކަމަނާގެ ފަހަތްޕުޅުގައި ހުންނެވީވެސް، އެމެރިކާއަށް ނަތީޖާ ދެއްކެވި ކާމިޔާބު ރައީސެކެވެ. ފަހުގެ ރައީސުންގެ ތެރެއިން ބިލްކުލިންޓަނަށް ދެވޭ ގަދަރަކީ، ހިލަރީގެ ރައީސަކަށް ގެނައުމަށް އެއްބަޔަކު ބޭނުންވި އެއް ސަބަބެވެ.
ފާޑުކިއުންތެރިން ސިފަކުރާ ގޮތުގައި އޭރުން ހަގީގަތުގައި ބިލް ކުލިންޓަނަށް ވައިޓް ހައުސްއަށް އެ އައުދެވެނީ ތިންވަނަ ދައުރަކަށެވެ. ހިލަރީ ހުންނެވިއަސް ހިނގާނީ ކްލިންޓަނުގެ ސިޔާސަތު ކަމަށް އެއްބަޔަކު ދެކެއެވެ. ނަމަވެސް ހިލަރީގެ ކެންޕެއިން އަމާޒުކުރައްވަނީ " ހިލަރީއަކީ ހިލަރީއެވެ. އެއީ ކްލިންޓަނެއް ނޫނެވެ" މިއީ ހިލަރީގެ މެސެޖު ކަމަށް ވީނަމަވެސް، އެއްބަޔަކަށް އެގޮތަށް އެކަން ބަލައެއް ނުގަނެވެއެވެ. 
އޮބާމާގެ ކެންޕެއިންގެ އެންމެބޮޑު ސްލޯގަނަކީ " ނީޑް އަ ޗޭންޖު " އެވެ. މިއީ، ހިލަރީ އަކީ ކްލިންޓަން ކަމަށް ދެކި، ބަދަލެއް ބޭނުންވާ މީހުން އޮބާމާ އިޚްތިޔާރުކުރަން ޚިޔާލު ބަދަލުކޮށްލުވި ޝިޢާރެކެވެ. ނަތީޖާއަކީ، ވަރަށް ބޮޑު ތަފާތަކުން ފަހަތުގައި އޮތް އޮބާމާ، ހިލަރީއާއި ވަރަށްކައިރިން ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިއުމެވެ. މިއީ މި ދެ ކެންޑިޑޭޓުންގެ ތަފާތުކުޑަވެ، އަންނާނީ ކާކުތޯ؟ ސުވާލު އުފެދެންފެށި ހިސާބެވެ. އޮބާމާގެ ސްޕިންގ ވަރުގަދަވެއްޖެކަމަށް ގަބޫލުކުރެވެންފެށީ މިހިސާބުންނެވެ. ކެންޕެއިންގެ ތެރެއިން ކެނެޑީޢާއިލާ އޮބާމާއަށް ތާއީދުކުރަން ފެށުމާއި ޖޯޖިއާއިން 20 ޕޮއިންޓުގެ ކުރިއެރުމެއް ހާސިލްކުރެވުމާއި، މި ދެ ކެންޑިޑޭޓުންކުރެ ކޮންމެ މީހަކުވެސް ދެ ސްޓޭޓެއް ކާމިޔާބުކޮށްފައި އޮތް އޮތުމުން، މިއީ ވަރަށް ކައިރިން ކުރިއަރައިގެންދާ ދެ އަސްކަމަށް ވަނީ ގަބޫކުރެވިފައެވެ.
" ބޮޑު އަންގާރަ " ދުވަހު، މިދެންނެވި " ނީޑް އަ ޗޭންޖު" ގެ ޝިޢާރު، މަގުބޫލުވި ނިސްބަތް، ހާމަވާނެއެވެ. ކަޅު މީހުންގެ ތާއީދު އޮބާމާއަށް ލިބެންފެށުމާއެކު، މި ދެ ކެންޑިޑޭޓުންގެ ތަފާތު ކުޑަވަމުން އައި މި ކެންޕޭނުގައި ކާމިޔާބު ހޯދާ ހަގީގީ ފަރާތަކީ ކާކުކަން މިއަދު އެނގިގެންދާނެއެވެ.ޕާޓީ ނޮމިނޭޝަންގައި ކޮންމެ މީހަކަށް ނަމަވެސް ކުރިހޯދޭނީ 2025 ޑެލިގޭޓް ވޯޓު ހޯދިގެންނެވެ.
އެންމެ ފަހުގެ ޕޯލްތަކުން އެނގެނީ ހަގީގަތް ކަމަށް ވާނަމަ، އޮބާމާއާއި ދާދި ގާތުން ވާދަކޮށް، ހިލަރީ މިރޭހުން މިއަދު ކުރި ހޯދުން ގާތެވެ. ނަމަވެސް އެއްވެސް މީހަކަށް ޔަގީންކަން ނެތް މިންވަރަށް ދެމީހުން ތާއީދު އޮތީ ވަރަށް ގާތްގާތުގައެވެ
ހިލަރީ މި ރޭހުން ހޮވިވަޑައި ނުގަތުން އެއީ ސަޕްރައިޒަކަށް ވާފަދައިން، އޮބާމާ ހޮވިވަޑައިގަތުންވެސް ވާނީ އެވަރުގެ ސަޕްރައިޒަކަށެވެ، މިކަން ނިންމާނީ ވަކިކޮޅަކަށް ނުޖެހިތިބި އަންޑިސައިޑެޑް މީހުންގެ ވޯޓުގެ ނަތީޖާއާއިވެސް އެކުގައެވެ.
(Wvcawrukun ulwdwb cawscaevid ujEaugcnel uDObIk cSwmuyil cniawnWt) cSwmuvcaedulWyiK cSwmuyilim
-
05 February 2008
aeaIdogu swlImwkI moLu poliTIswneac mwjilIhugwaivesc vwrwScvwrugwdwawSc vwkWlWtukurwacvW pWTIge hwrwkWtctwkugwaivesc vwrugwdw awzumwkW jehilunckuDwkoSc kurimwtilwacvW mwnczwrwkIswlImuge siyWsI kelibwr nuvwtw hwaibwtu awncgwaidE kwmekeve. vIairu midekwnctwkwkIvesc guLilWmehifwaivWdekwmeve. muLincvesc aisclWheve mikwmwSc mwswackwtckurumugwaeve. defwncnugwaivesc gWbilukwmWaeku kuriawSc vwDwaigwncnwvWSeve. mi nUnwsc swlImuge liyuacvunctwkwkI vwrwSc mwaulUmWtu muacswndi hwrudwnWliyuacvunctwkekeve.aekwmugeheackwkwSc rwncgwlwncvesc fudeaeve..sUjwlc
-
05 February 2008
miaI vwrwSc moLwSc swlImc liauacvWfwaivW ripOTeac. awLugwnDwSc fencnwnI poliTikcsunc duruve, liauncteriaeacge gotugwai swlImu huncnevuvumwSc. poliTikcswScvure swlImuge fwncnwkI liauncterikwmwSc vItI, siyWsI dWairW dUkoSclwnc govWlwnc. - kiauncteriaeac


