އެމް.ޑީ.ޕީގެ ބޮޑު ދެބާރު ވާދަވެރި ކެންޕެއިން ރޭހެއްގައި
އެމް.ޑީ.ޕީގެ ޕްރައިމަރީގައި އެންމެ ގިނައިން ވޯޓު ހޯއްދަވާނެކަމަށް ބެލެވިފައިވާ މުޙަންމަދު ނަޝީދު ( އަންނި) އާއި ޕާޓީގެ ރައީސް ޑރ. މުޙަންމަދު މުނައްވަރު، ވާދަވެރި ކެންޕޭން ރޭހެއް ފައްޓަވައިފިއެވެ. 
އައްޑޫ އަތޮޅުގައި ހުންނަ އިރު އޮބްޒާވަރުގެ މުރާސިލު ހާމަކުރި ގޮތުގައި، ރޭ އަންނި ވަނީ އެ އަތޮޅުގެ އެމް.ޑީ.ޕީގެ މެންބަރުންނާއި ބައްދަލުކުރައްވަން ފައްޓަވައިފައެވެ. މިގޮތުން ރޭ، އައްޑޫ އަތޮޅަށް ވަޑައިގެން، އަންނި ވަނީ ޕާޓީގެ އެކްޓިވިސްޓުންނާއެކު،.ބައްދަލުވުމެއް ބާއްވަވާފައެވެ. އައްޑޫ އަތޮޅުގެ އެމް.ޑީ.ޕީގެ ގޮފިތަކުގެ ވޯޓަކީ، މި ޕްރައިމަރީގައި މި ދެބޭފުޅުންނަށްވެސް ވަރަށް މުހިންމު ގޮފިތަކެކެވެ.
އެމް.ޑީ.ޕީގެ ޕްރައިމަރީއަށް ނިކުންނެވި މުނައްވަރު، އިރު އޮބްޒާވަރަށް ހާމަކުރެއްވި ގޮތުގައި، އެމަނިކުފާނުވެސް މިހާރުވަނީ ސީރިއަސް ކަމާއެކު، ކެންޕެއިން ފައްޓަވާފައެވެ. ޑރ. މުނަށްވަރު އިރު އޮބްޒާވަރަށް ވިދާޅުވީ، މިއަދުވެސް އެއީ އެމް.ޑީ.ޕީގެ މެންބަރުން އިންތިޚާބުކުރި ރައީސަކަށް، އެމަނިކުފާނުވެފައި އިންތިޚާބަށް އަދި 8 މަސް ނުފުރި އޮއްވާ، މި ނިކުންނެވި އިންތިޚާބާމެދު ވަރަށް ފޮނި އުންމީދެއް ކުރައްވާކަމަށެވެ. އަދި ހޮވިވަޑައިގަތުމުގެ ފުރިހަމަ އުންމީދުގައި ކެންޕެއިން ކުރިއަށް ގެންދަވާކަމަށް މުނައްވަރު ވިދާޅުވިއެވެ.
އިއްތިޙާދުގެ މޫވްމަންޓު ދިރާސާކުރައްވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، އެމް.ޑީ.ޕީން ނިކުންނަ ކެންޑިޑޭޓެއް ވެގެންދާނީ، އިއްތިޙާދު ތާއީދުކުރާނެ ބޭފުޅަކަށެވެ. މިގޮތުން ޑރ. މުނައްވަރު، ނުވަތަ އަންނި ހޮވިވަޑައިގެންނެވި ނަމަވެސް، އިއްތިޙާދުގެ އިޚްތިޔާރު ކަމުގައި މިއިން ބޭފުޅަކު ވުން ވަރަށް ގާތެވެ. އެމް.ޑީ.ޕީ ފިޔަވާ މި އިއްތިޙާދުގައި ހިމެނޭ އެންމެ މެންބަރުން ގިނަ ޢަދާލަތު ޕާޓީން ބުނެފައިވަނީ، އެޕާޓީއަށް ހުރި ފުރުސަތުތަކަކަށް ބެއްލެވުމަށް ފަހުގައި ނޫނީ، ވަކި ކެންޑިޑޭޓަކަށް އަދާލަތުން ތާއީދު ނުދޭނެކަމަށެވެ.
ބައެއް ފަރާތްތަކުން އިރު އޮބްޒާވަރަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު، ކޮންމެ ބޭފުޅަކަށް ކާމިޔާބު ވީނަމަވެސް، އެބޭފުޅަކު ވެވަޑައިގަންނަވާނީ، މާލޭން ނިކުންނަ މާލޭގެ ބޭފުޅަކަށެވެ. އެއީ މުޅި ރާއްޖޭގެ ވޯޓު ހޯއްދެވުމުގެ ތަނަވަސް ފުރުސަތަށް މަގުފަހިވުމުގެ ފުރުސަތު މާލޭން ނިކުންނަ ކެންޑިޑޭޓުންނަށް ބޮޑުވެގެން ދާނެއަތީއެވެ. އެހެން ނަމަވެސް އެހެން ބައެއް ޚިޔާލުތަކުން ހާމަވާ ގޮތުގައި މިހެން ނުވުމަކީވެސް، ހަމަ އެކަށީގެންވާ ކަމެކެވެ.




