ސިވިލް ސަރވިސްގެ ޤާނޫނަށް އިސްލާޙް ގެނައުމުގެބިލަށްފަހު އިންތިޤާލީ ބާބުގައި މިއަދު ޑީ.އާރު.ޕީ.އަށް ކިހިނެއްވާނެބާ!
ސިވިލް ސަރވިސްގެ ޤާނޫނަށް އިސްލާޙް ގެނައުމަށް ސަރުކާއުން ހުށަހެޅުއްވިބިލް، ފާސްކުރުމަށް ޑީ.އާރު.ޕީ.ން ވަރަށްބޮޑަށް މަސައްކަތްކުރަނިކޮށް، މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އެބިލް ވަނީ ބަލައިނުގެ ފެއިލް ކޮށްލައިފައެވެ.
އިދިކޮޅު ފަރާތްތަކުން ސިފަކުރަނީ އެއީ ސަރުކާރަށާއި ޑީ.އާރު.ޕީ.އަށް ލިބުނު ނާކާމިޔާބެއް ކަމަށާއި، އެމީހުންނަށް ލިބުނު ކާމިޔާބެއްގެ ގޮތުގައެވެ. ނަމަވެސް ސަރުކާރާއި ޑީ.އާރު.ޕީ.ން ބުނަނީ، އެ ބިލަކީ އެތައްބައެއްގެ ޙައްޤުތަކާއި ގުޅިފައިވާ ބިލެއްކަމުން، އެބިލް ފެއިލްވުން އެއީ، ސަރުކާރަށާއި، ޑީ.އާރު.ޕީ.އަށް ލިބުނު ނާކާމިޔާބެއް ނޫކަމަށާއި، ނަމަވެސް އެއީ ބައެއްގެ ޙައްޤުތަކަށް، ބައެއް ފަރާތްތަކުން ބަލާނުލުމުގެ ނަތީޖާ ކަމަށެވެ.
ސަރުކާރުން، މިބިލަށް ޖަވާބު ދާރީ ވެވަޑައިގަންނަވަމުން، ރިފޯމް މިނިސްޓަރ މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ، އެބިލް ހުށަހެޅުއްވީ، ކުއްލިއަކަށް އެތައް ބައަކު، ވަޒީފާ ދޫކޮށްލާފައި ދާން ޖެހޭތީ އެކަމަށް ތައްޔާރުވުމަށް މުއްދަތެއް ދިނުމަށް ކަމަށާއި، އެބިލްގެ އެންމެބޮޑު އެއް މަގުސަދަކީ، މުސްތަޤިއްލު ކުރަންޖެހޭ އެހެންދާއިރާތަކަށް ނިސްބަތްވާ ބަޔަކު، ސިވިލް ސަރވިސްގެ ދަށަށް ދިއުން ހުއްޓުވައި އެ މުޢައްސަސާތައް އުފައްދައި އެދާއިރާ ތަކުގެ މީހުން އެ މުޢައްސަސާތަށުގެ ދަށަށް ގެންދިއުން ކަމަށެވެ.
އެ ބިލްގެ މަޤުސަދަކީ، އެއްގޮތަކަށްވެސް ބަޔަކު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ދަށަށް ގެނައުން ނޫންކަމަށްވެސް ވިދާޅުވިއެވެ. ސިވިލް ސަރވިސްގެ ޤާނޫނު މިހާރު އޮންނަގޮތުން، ޖުޑިޝަރީޢާ، އިލެކްޝަން ކޮމިޝަނާ ރައްޔިތުންގެ މަޖިލިހާ، އެންޓި ކޮރަޕްޝަން ބޯޑުފަދަ މުސްތަޤިއްލު މުޢައްސަސާތަކުގެ މުވައްޒިފުންވެސް ސިވިލް ސަރވިސްގެދަށަށް ދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މަޖިލީހުގައި ބިލަށް ޖަވާބުދެއްވަމުންވެސް މިނިސްޓަރ ވިދާޅުވެފައިވަނީ، އެބިލް ކޮމިޓީއަކަށް ގެންގޮސްގެން އެފަދަ މުޢައްސަސާތައް އުފައްދާނެ ރާތީޚެއް ބިލްގައި ކަނޑައަޅައި އެކަންތައް މެންބަރުންނަށް ކުރެވިދާނެކަމަށެވެ. މި ބިލް ފާސްކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި، ޑީ.އާރު.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އަނީސާ އަޙްމަދު ވިދާލުވީ، އެބިލް ފާސްނުވީ، ބިލާމެދު މެންބަރުންނަށް ވިސްނި ވަޑައިގެންފައި އޮތް އެއްޗެއްގެ ސަބަބުންކަމަށެވެ.
މިބިލް ފާސްނުވުމުން ކަންބޮޑުވި ނަމަވެސް، މިކަމުގައި ދެން ސަރުކާރުން ނަގަންއޮތް ޑިޒިޝަނަކީ، މުސްތަޤިއްލު މުއައްސަސާތައް އުފެއްދުމުގެ ބިލެއް ވީހާއަވަހަކަށް މަޖިލީހަށް ހުށަހެޅުން ކަމަށާއި، ވަރަށް އަވަހަށް އެފަދަ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެކަމަށްވެސް ރިފޯމް މިނިސްޓަރ ވިދާލުވިއެވެ.
ސިވިލް ސަރވިސްގެ ބިލަށްފަހު މިއަދަކީވެސް ޑީ.އާރު.ޕީ.އަށް ބޮޑު ދުވަހެކެވެ. މިއަދަކީ، އިސްލާޙް ކުރެވެމުންދާ ޤާނޫނުއަސާސީގެ ފަހު ބާބު ކަމުގައިވާ އިންތިޤާލީ ބާބަށް ވޯޓަށް އެހުމަށް ތައްޔާރުވަމުންދާ ދުވަހެވެ. އެހެންކަމުން ޚާއްސަ މަޖިލީހުގައި މިއަދުނެގޭ ވޯޓަކީވެސް އެޕާޓީއަށް ވަރަށް މުހިއްމު ވޯޓަކަށް ވެގެންދާނެއެވެ. އެއީ މިބާބަކީ، އެޕާޓީއަށް ވަރަށްމުހިއްމު ކަންތައްތަކެއް ހިމެނިފައިވާ ބާބަކަށްވާތީއެވެ. ޤާނޫނުއަސާސީ އިސްލާޙް ކުރުމުގެ މަސައްކަތުގައި އިންތިޤާލީ ބާބަކީ ޚިޔާލު ތަފާތުވުންތަކާއި ޒުވާބުތައް އެންމެބޮޑަށް އިތުރުވެގެންގޮސްފައިވާ ބާބެވެ. އިދިކޮޅު ފަރާތްތަކާއި ޚިޔާލު ތަފާތު ވުން ތައް ގިނަ ވުމުގެ ސަބަބުން ޑްރާފްޓް ކޮމިޓީއަށްވެސް މިބާބު އެކުލަވާނުލެވިގެން، މިބާބު އެކުލަވާލައްވާފައިވަނީ، ޤާނޫނުއަސާސީންނާއި، މަޖިލީހުގެ ޤަވާޢިދުގެ ދަށުން ޚާއްސަ މަޖިލީހުގެ ރައީސަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މިއަދު ހިނގަމުންދާ ޚާއްސަ މަޖިލިހުގެ ޖަލްސާގައި، މިބާބާމެދު ޑީ.އާރު.ޕީ.ގެ ކޮމެންޓެއް ހޯދާލުމަށް ކުރިމަސައްކަތް އަދިވަނީ ކާމިޔާބު ނުވެފައެވެ. ނަމަވެސް މިބިލާއިބެހޭގޮތުން މަޖިލީހުގެ ބައެއް މެންބަރުން، ވިދާޅުވަނީ، މިބިލްގައި ހިމެނޭ، ކަންތައްތަކުގެ ތެރެއިން ޑީ.އާރު.ޕީން ތާޢީދު ކުރާ ގިނަ ކަންތައްތައް ނާކާމިޔާބު ވާނެކަމަށެވެ. ސަބަބެއްކަމަށް އެމެންބަރުން ވިދާޅުވަނީ އަންގާރަ ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން، ސިވިލް ސަރވިސްގެ ބިލް ފެއިލް ކޮށްލުމުން އެ ޕާޓީގެ މެންބަރުންގެ މެދުގައި އުފެދިފައިއޮތް ނުތަނަވަސްކަން ކަމަށެވެ. ނަމަވެސް އަނެއްބައި މެންބަރުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ޑީ.އާރު.ޕީ.އަށް އެގޮތް ދިމާވިޔަސް، ޚާއްސަ މަޖިލީހުގައި އެގޮތަށް ދިމާނުވާނެކަމަށެވެ.
ކޮންމެ ގޮތެއްވިޔަސް އިންތިޤާލީ ބާބަށް ވޯޓަށް އެހުމަށް މިއަދުގެ ޖަލްސާގައި ވަނީ އެޖެންޑާ ކުރެވިފައެވެ. ނަމަވެސް މަދު މެންބަރުން ކޮޅަކާއެކު ފެށި ޚާއްސަ މަޖިލީހުގެ ޖަލްސާގައި ހުސްވަގުތުކޮޅުގެ ކުރިން އަދި ކުރިއަށްދަނީ، ނިޒާމީ ނުގުތާގެ އޮއިވަރެވެ. މިއަދު މަޖިލިސް ފަށާފައިވަނީ، 58 މެންބަރުންނާއެކު ނަމަވެސް މަދުމަދުން ދަނީ މެންބަރުންގެ ޢަދަދު އިތުރުވަމުންނެވެ.


