އަދިވެސް ރިޔާސީ އިންތިޚާބުގެ ނަތީޖާނެރޭނީ ޕާޓީތަކަށް ނިސްބަތްނުވާ މީހުންނެވެ.
ދިވެހިރާއްޖޭގެ ކުރިމަގުގެ ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު، ސިޔާސީ ޕާޓީތަކުގެ މެންބަރުން ނަށްވުރެ، ރާއްޖޭގެ ވޯޓިންގ ޕަވަރ، ނުވަތަ ވަކި މީހަކު އިޚްތިޔާރު ކުރުމުގެ ބާރު އޮތީ، އެއްވެސް ސިޔާސީ ޕާޓީއެއްގައި ހިމެނިފައިނުވާ، ސައިލެންޓް މެޖޯރިޓީގެ އަތުގައެވެ. ރަސްމީ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ގާތްގަނޑަކަށް ދެލައްކަ އެއްހާ މީހުންގެ 60 އިންސައްތައަކީ، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރުންނެއް ނޫނެވެ.
ސިޔާސީ ޕާޓީތަކުގެ ޖުމްލަ މެންބަރުންގެ ޢަދަދަކީ، މިދަންނަވާ ދެލައްކަ މީހުންގެ ތެރެއިން، 79 ހާސް މީހުންނެވެ. އޭގެ ތެރެއިން، މި އިންތިޚާބުގައި އެންމެ ވާދަކުރާނެ ކަމަށް، ލަފާކުރެވޭ ޑީ.އާރު.ޕީ އާއި އެމް.ޑީ.ޕީއަށް ބަލާއިރު، ޑީ.އާރު.ޕީގެ ސައްޙަ މެންބަރުންގެ ޖުމްލައަކީ، 32 ހާހެވެ. އެއީ އެންމެފަހުން، ރިޔާސީ ބަރުލަމާނީގައި ވޯޓު ސައްޙަ މީހުންކަމަށް ބެލެވުނު، 199841 މީހުންގެ 16 އިންސައްތައެވެ. އެމް.ޑީ.ޕީގެ ސައްޙަ މެންބަރުން ކަމުގައިވާ 21 ހާސް މެންބަރުންގެ ޢަދަދުން ބަލާއިރު، ވޯޓުހައްގުވާ އާބާދީގައި އެމް.ޑީ.ޕީގެ މެންބަރުންގެ ނިސްބަތަކީ 11 އިން ސައްތައެވެ.
ސިޔާސީ އެހެން ޕާޓީތަކަށް ބަލާއިރު، ރާއްޖޭގައި ވޯޓު ހައްގުވާ މީހުންގެ އާބާދީގައި، އެ ޕާޓީއެއްގައި މިވަގުތު ސައްޙަ 7 ހާސް މީހުންތިބި، އައި.ޑީ.ޕީގެ ނިސްބަތަކީ، 3.5 އިންސައްތައެވެ. އަދި އެ ޕާޓީއެއްގައި ސައްޙަ 6 ހާސް މެންބަރުން ތިބިކަމަށް އިލެކްޝަނުން ބުނާ، އަދާލަތު ޕާޓީގެ ނިސްބަތަކީ 3 އިންސައްތައެވެ. 4 ހާސް ސައްޙަ މެންބަރުން ތިބިކަމަށް އިލެކްޝަނުން ބުނާ، އެމް.އެސް.ޑީ.ޕީގެ ނިސްބަތަކީ، 2 އިންސައްތައެވެ. ސައްޙަ 3800 މެންބަރުން ތިބިކަމަށް އިލެކްޝަންސުން ހާމަކޮށްފައިވާ ޕީޕަލްސް ޕާޓީގެ ނިސްބަތަކީ، 1.9 އިންސައްތައެވެ. އަދި އެ ޕާޓީއެއްގައި ސައްޙަ 3300 މެންބަރުން ތިބިކަމަށް އިލެކްޝަންސުން ބުނެފައިވާ މޯލްޑިވްސް ނޭޝަނަލް ކޮންގްރެސް ގެ ނިސްބަތަކީ 1.65 އިންސައްތައެވެ.
މިދަންނަވާލި ތަފާސް ހިސާބުތަކުން، ދައްކާގޮތުގައިވެސް، ރާއްޖޭގެ ކޮންމެ މިފަދަ އިންތިޚާބެއްގައި އަދި ހަމައެކަނި އެއްވެސް ޕާޓީއަކަށް އެ ޕާޓީގެ މެންބަރުންގެ ޖުމްލައިން މާބޮޑު ކާމިޔާބީތަކެއް ނެރެވޭ ވަރަށް މެންބަރުން، އެއްވެސް ޕާޓީއެއްގައި ނެތް ކަމާއި، ކޮންމެ ޕާޓީއަކުން ވެސް އިންތިޚާބު ކާމިޔާބު ކުރަން ބޭނުންނަމަ، ހޯދަން ޖެހެނީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ 60 އިންސައްތަ ހިމެނޭ، ސައިލެންޓް މެޖޯރިޓީގެ ތާއީދުކަން އެނގެއެވެ.
އެހެން އެކަން އޮތްއިރު، މިދެންނެވި މެޖޯރިޓީގެ ތާއީދު އެމީހަކަށް ލިބިއްޖެނަމަ، އެއްވެސް ސިޔާސީ ޕާޓީއެއްގައި ނުހިމެނޭ، ވަކި ކެންޑިޑޭޓަކަށްވެސް ފުރުސަތު އޮތްކަން، އެއް ނަޒަރަކުން ބެލެވިދާނެއެވެ. ނަމަވެސް މެންބަރުން ގިނަ ޕާޓީތަކަށްވެސް، އެ ޕާޓީތަކުގެ މެންބަރުންގެ އެހީއާއެކު، ސައިލެންޓު މެޖޯރިޓީގެ ރުހުން ހޯދިއްޖެނަމަ، އެ އިންތިޚާބެއް ކާމިޔާބުކުރުމުގެ ފުރުސަތު އެބަ އޮތެވެ.
މިއީ ޑީ.އާރު.ޕީއަށާއި އެމް.ޑީ.ޕީއަށް މި އިންތިޚާބުގައި އުންމީދު އޮތް ފަދައިން، ވަކިވަކި ކެންޑިޑޭޓުންނަށްވެސް ހޯޕް އޮތް އިންތިޚާބެއްކަން، ސައިލެންޓް މެޖޯރިޓީގެ ނިސްބަތް ހިއްސާކުރާ މިންވަރަށް ބަލާއިރުއެނގެއެވެ. ތަފާސް ހިސާބުތަކުން މިހެން ދަންނަވާލަން ފަސޭހަ ނަމަވެސް، ކުރިއަށް އޮތް އިންތިޚާބު ކާމިޔާބުކުރާނީ ރައްޔިތުންގެ ތެރޭގައި އެންމެ މަގުބޫލުކަން ހޯދާ ކެންޑިޑޭޓެވެ. ނުވަތަ ޕާޓީއެވެ. ނޫނީ އިއްތިޙާދެއްނަމަ އެބައެކެވެ. މިކަންކަން ބުނެދޭނީ ރައްޔިތުންދޭ ވޯޓުންނެވެ. މިވަގުތަކު ނޫނެވެ.
(Wvcawrukun ulwdwb cawscaevid ujEaugcnel uDObIk cSwmuyil cniawnWt) cSwmuvcaedulWyiK cSwmuyilim
-
12 April 2008
ސަލީމު ކުރިން ބުނަމުންއައީ، އެއްވެސް ޝައްކުކަމެއްނެތި ރިޔާސީ އިންތިޚާބު މިފަހަރުވެސް ކާމިޔާބުކުރާނީ ޑޫއާރޕީން ކަމަށެވެ. ވީމާ، މިހާރުދެން ތިދައްކަވަނީ ކޮން ވާހަކަތަކެއްތަ؟ މިހާރު ސަލީމުގެ ފިކުރުވެސް ހީވަނީ ރަނގަޅުވަމުން އެބައަންނަހެން. ރަނގަޅު،ރަނގަޅު. "މުފައްކިރު"


