ޕެންސިލްވޭނިއާއަށް ފަހު، އިތުރު 10މިލިއަންޑޮލަރު ހިލަރީ ހޯއްދަވައިފި
އެމެރިކާގެ ފުރަތަމަ އަންހެން ރައީސަށްވުމަށް، އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ކެމްޕެއިން ކުރައްވަމުންގެންދަވާ، ކުރީގެ މަހާރެހެންދި ހިލަރީ ކްލިންޓަން، ޕެންސީލްވޭނިޔާގައި ކުރިހޯދަވައި، 55ޕަސެންޓް ވޯޓު ކާމިޔާބު ކުރެއްވުމާއި ގުޅިގެން، މިހިނގާ 24 ގަޑީއިރުގެ ތެރޭގައި 10 މިލިއަންޑޮލަރު ހެޔޮއެދޭ ފަރާތްތަކުން ކެންޕޭނަށް ޖަމާކޮށްދީފިކަމަށް، ހިލަރީގެ ކެންޕެއިން އޮފީހުން ހާމަކޮށްފިއެވެ. މިއީ ހިލަރީ މި އިންތިޚާބަށް ނިކުންނެވިފަހުން، އެންމެ 24 ގަޑީއިރުގެ ތެރޭގައި އެންމެ ގިނައިން ފަންޑު ލިބިވަޑައިގަތް ފަހަރެވެ. މިފައިސާ ލިބުނުއިރު، ހިލަރީގެ ކެންޕޭން ބަޖެޓު ވަނީ އެންމެ 9 މިލިއަން ޑޮލަރަށް ދަށަށްޖެހިފައެވެ.
ޕެންސިލްވޭނިއާގެ މި ފަޚުރުވެރި ކާމިޔާބީއަށްފަހު، އިންޑިއާނާ އާއި ނޯތު ކެރޮލާނާގެ ޕްރައިމަރީސްގައިވެސް ކާމިޔާބު ކުރެއްވުމަށް ހިލަރީގެ ޓީމުންވަނީ މަސައްކަތް ފަށާފައެވެ.
ހިލަރީއާ ވާދަކުރައްވާ ބަރަކް އޮބާމާއަށް އެމެރިކާގެ އެންމެ އިންޑަސްޓްރިއަލް ސްޓޭޓް ކަމަށްވާ ޕެންސިލްވޭނިއާއިން ލިބިވަޑައިގެންނެވީ 41ޕަސެންޓެވެ.މިއީ ހިލަރީ އާ ވާދަކުރައްވާ، ބަރަކް އޮބާމާ ބަލި ކުރެއްވުމަށްފަހު ހިލަރީ ހޯއްދެވި ވަރަށްބޮޑު ކާމިޔާބެއްކަމަށް ދިރާސާކުރާ ފާރާތްތަކުން ބުނެއެވެ.
ނަމަވެސް ޑެލިގޭޓުންނަށް ބަލާއިރު ކްލިންޓަން އުޅުއްވަނީ، އަދިވެސް އޮބާމާއަށްވުރެ ފަހަތުގައެވެ. އޮބާމާގެ ޑެލިގޭޓުންގެ ޢަދަދު 1713އަށް އަރާފައިވާއިރު ކްލިންޓަންގެ ޢަދަދުވަނީ، 1586ގައެވެ. ނަމަވެސް ސުޕަރޑެލިގޭޓުންގެ ލިސްޓުގައި ހިލަރީ އުޅުއްވަނީ ކުރީގައެވެ. އެހެންކަމާއެކު ކުރިއަށް އޮތް ކޮންމެ ސްޓޭޓެއްގެ އިލެކްޝަނަކީވެސް، މިއިން ކޮންމެ ކެންޑިޑޭޓަކަށްވެސް ވަރަށް މުހިންމު އިލެކްޝަނަކަށް މިވަނީ ވެފައެވެ.




