އަންނި މުނައްވަރާއި ހަމަކުރަން ފަށައިފި
އެމް.ޑީ.ޕީގެ ޕްރައިމަރީސްގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުންކުރެ އިރު އޮބްޒާވަރުގެ ޕޯލް ގައި، މިހާތަނަށް ކުރި ހޯއްދަވަމުން ގެންދެވި ޑރ. މުނައްވަރާއި ބޮޑު ތަފާތެއްގައި އޮތް މުޙަންމަދު ނަޝީދު (އަންނި) ރެއާއި ހަމައަށް އައި އިރު، ޑރ. މުނައްވަރާއި ވަރަށް ކައިރި ކޮށްފިއެވެ.
ރޭގެ ބަހުސް ނިމުނުއިރު، މުނައްވަރު ޕްރައިމަރީސް ކާމިޔާބު ކުރާނެ ކަމަށް 46 އިން ސައްތަ، ބުނެފައި ވާއިރު، އަންނި ކާމިޔާބު ކުރާނެކަމަށް 40 އިންސައްތަ ބުނެއެވެ. މި ޕޯލްގެ އެންމެ ފަހަތުން ވާދަކުރަނީ މޫސާމަނިކެވެ.އެމް.ޑީ.ޕީގެ އެންމެ ޕާޓީވިޒަމް ބޮޑު ބައެއް ފަރާތްތަކުން ހާމަކުރާ ގޮތުގައި އެމީހުންގެ އުންމީދީ ކެންޑިޑޭޓަކީ އަންނިއެވެ. އަދި ލަފާކުރެވެނީވެސް އަންނި ހޮވޭނެކަމަށެވެ.
ނަމަވެސް ރޭގެ ބަހުސައްފަހު، އެންމެ މޮޑަރޭޓު ސިޔާސަތެއް ގެންގުޅުއްވާ ކަމަށް އެއް ބަޔަކަށް ގަބޫލުކުރެވުނީ ޑރ. މުނައްވަރެވެ. ނަމަވެސް އަނެއްބަޔަކަށް އަންނިގެ ސިޔާސަތުތައްވެސް ރަނގަޅެވެ. އެމް.ޑީ.ޕީގެ ޕްރައިމަރީސްގައި އެންމެ ގާތްގާތުން ވާދަކުރާ ދެ ކެންޑިޑޭޓުންކުރެ ކޮންމެ ކެންޑިޑޭޓަކު ހޮވުނަސް އެ ދެބޭފުޅެއްގެ ވޯޓުގެ ތަފާތު 200 އަށްވުރެ އިތުރުވެގެން ނުދާނެކަމަށްވެސް، މި ކެންޕެއިން ދިރާސާކުރާ ބައެއް މީހުންދެކެއެވެ. މީގެތެރޭގައި އެމް.ޑީ.ޕީގެ މެންބަރުންވެސް ހިމެނިވަޑައި ގަންނަވައެވެ.
ރޭގެ ދި އެފް އެމްގެ ބަހުސްގައި ޑރ. މުނައްވަރު ގެންގުޅުއްވާފައިވަނީ ޕޮލިސީތަކެއްގެ މައްޗަށް ބައްޓަންކުރެވިފައިވާ ސިޔާސަތުތަކެކެވެ. މިގޮތުން ރާއްޖެ ބޭރުގެ ކުދިބޮޑު ހުރިހާ ގައުމަކާއެކުވެސް ގުޅުން ބަދަހިކުރުމަކީ މުހިންމު ކަމެއްކަމުގައި އޭނާ ދެކެވަޑައިގަންނަވާކަން ވަނީ ހާމަކުރައްވާފައެވެ. އަނެއްކޮޅުން އަންނި ވަނީ ޗައިނާގެ ކޮމިއުނިސްޓު ޕާޓީއާއެކު، ޑީ.އާރު.ޕީން ގުޅުން ބަދަހިކުރާ މައްސަލަ ކުއްވެރިކޮށް ކޮމިއުނިޒަމަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވާފައެވެ. އަނެއް ކެންޑިޑޭޓު މޫސާމަނިކުގެ ނަޒަރުގައި އިންޑިއާ އާއެކު ރާއްޖެ ގުޅުން ބަދަހިކުރުމަކީ މުހިންމު ކަމެކެވެ.
ރޭގެ ބަހުސަށްފަހު، ޑީ.އާރު.ޕީގެ ތަރުޖަމާނު އިބްރާހިމް ޝާފިޢު، އިރު އޮބްޒާވަރަށް ވިދާޅުވި ގޮތުގައި، ޑީ.އާރު.ޕީ އެންމެ ފުރަތަމަ ދަތުރެއް ކޮށްފައިވަނީ އިންޑިއާގެ ކޮންގްރެސް އައިގެ ދަޢުވަތަކަށް ދިއްލީއަށެވެ. އެފަހަރު ޕާޓީގެ ޒަޢީމް މައުމޫން ޢަބްދުލްގައްޔޫމް ވަނީ ސޯނިއާ ގާނދީއާއި ބައްދަލު ކުރައްވާފައެވެ. ވީމާ އެމް.ޑީ.ޕީގެ ޕްރައިމަރީސްގެ ކެންޑިޑޭޓުންނަށް އެކަން އޮޅިވަޑައި ގެންނެވިކަމީ، އޭނާ ހިތާމަ ކުރައްވާ ކަމެއްކަމަށް ވިދާޅުވިއެވެ.
ޝާފިޢު ވިދާޅުވި ގޮތުގައި، ޗައިނާ އާއިއެކު، ޚާއްސަކޮށް ކޮމިއުނިސްޓު ޕާޓީއާއެކު ޑީ.އާރު.ޕީން ގެންގުޅެނީ، އެހެން ޕާޓީތައް ފަދައިން، ހަމައެކަނި ރަޙުމަތްތެރިކަމެވެ، ވަކިޚާއްސަ އެހެން ގުޅުމެއް ނޫނެވެ. ޗައިނާއަކީ، ހައުސިން ޕްރޮގްރާމްތައްފަދަ ރާއްޖޭގެ ތަރައްގީއަށް މުހިންމު އެހީތައް ވެދޭ ޒަމާންވީ ރަޙުމަތްތެރި ގުޅުމެއްކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގައި ޗައިނާގެ ހިއްސާ އިތުރުވަމުން އަންނަކަމާއި، އެކަން ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ހަނދާން ނައްތާލައިގެން ނުވާނެކަމަށް ޝާފިޢު ވިދާޅުވިއެވެ.
" ޗައިނާގެ ކޮމިއުނިސްޓު ޕާޓީއަށް އަޅުގަނޑުމެންގެ ޕާޓީގެ ސިޔާސަތު ވާނީ ފުރަތަމަވެސް ހާމަކޮށްފަ. އަޅުގަނޑުމެން ބުނިން، މިއީ ސައްތައިންސައްތަ މުސްލިމް ގައުމެއްކަމަށާއި، ޑީ.އާރު.ޕީގެ ސިޔާސަތަކީ ރާއްޖޭގެ އިސްލާމްދީން ދަމަހައްޓައި ރާއްޖޭގެ މިނިވަންކަމާ، ވަޙުދަތު ދެމެހެއްޓުމާއެކު، ހަރުދަނާ އިގްތިސާދެއްގެ ބިންގައު ވަރުގަދަކޮށް އުފާވެރި ޑިމޮކްރެޓިކް ވެއްޓެއް ގާއިމްކުރުމޭ. ޑީ.އާރު.ޕީގެ މަގްސަދަކީ." ޝާފިޢު ރޭ ވިދާޅުވިއެވެ.
" އެބޭފުޅުން ވިދާޅުވި، ޗައިނާއަކީ އެއްވެސް ގައުމެއްގެ އަދި ޕާޓީއެއްގެ ސިޔާސަތުތަކަށާއި އަމިއްލަވަންތަ މިނިވަންކަމަށާއި އުސޫލްތަކަށް އިޙުތިރާމްކުރާނެ. ގައުމެއްކަމަށާއި ކޮމިއުނިސްޓު ޕާޓީއާއި އެހެންޕާޓީތަކާ ދެމެދުގައިވާ ރަޙުމަތްތެރިކަމަކީ އެއްބަޔަކު، އަނެއްބައެއްގެ ކަންކަމާނުބެހޭ، އެކުވެރި ގުޅުމެއްކަމުގަ.".
ޝާފިޢު ހާމަކުރެއްވި ގޮތުގައި މިކަންކަން ނޭގިތިބެ، ދައްކާ ދޮގުވާހަކަތަކުގެ ފަހަތުގައި އޮންނާނީ އެހެން މަގުސަދެއް ހާސިލްކުރުމެވެ.


