ރާއްޖޭގެ ޤައުމީ ފުޅުބޯޅަ ޓީމް ހޯދި ރަންމެޑެލާއެކު މުޅި ޤައުމު އުފަލުން ރޮވިއްޖެ
ސާފް ޗެމަޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް ދިވެހި ޤައުމީ ޓީމުން އުފުލާލައިގެން ހޯދި ރަންމެޑެލާ ގުޅިގެން މުޅި ޤައުމު އުފާ ފާޅުކުރަމުން އެބަގެންދެއެވެ.
ރޭގެ ފައިނަލްމެޗް ނިމުމަށްފަހު މާލެއާއި އަތޮޅުތަކުގެ ރައްރަށުގައި ޒޯސުން ފުރިފައިވާ ގިނަ އަދެއްގެ މީހުންވަނީ ވަނީ ރަތްކުލައިގެ ހެދުންލައިގެން ދިވެހި ދިދަޔާއެކު މަގުތަކަށް ނިކުމެ ފަތިސް ވަންދެން އުފާފާޅުކުރަމުން ގެންގޮސްފައެވެ.
ޕިކަޕްތަކާއި ސައިކަލްތަކުގައި ޤައުމީ ދިދަޔާއި އެކު، ބޭރަށް ނިކުމެ އުޅުނު ގިނަ މީހުން ވަނީ ޤައުމީ ކުލަ އަންގައިދޭގޮތަށް މޫނު ޕެއިންޓްކޮށްގެން، އަނެއް ބަޔަކު ބޮލުގައި ޤަޢުމީ ކުލަ ޖައްސައިގެން އުފާފާޅުކޮށްފައެވެ. ރޭ މުޅި މާލެއާއި ރަށްރަށުގެ މަގުތައް ހީވަނީ ރަތްކުލައިގެ ސާލެއް ފަތުރާލާފައިވާ ހެންނެވެ. އެންމެން އެއް އަޑަކުން ކިޔަމުން ދިޔައީ " ޤައުމީ ޓީމްގެ ބަތަލުން ކުރެއްވި ހިތްވަރަށް ސާބަސް" "ރާއްޖެ މާމޮޅޭ" މިފަދަ އެތައް ބަނދިވަރެއް ރާއްޖޭގެ ރައްޔިތުން ރޭ ގޮވަމުން އުފާފާޅުކުރަމުން ދިޔައެވެ. މީއީ ދިވެހިންގެ ހަޔާތުގައި ވެސް ލިބުނު އެންމެ އުފާވެރި ރެޔެކޭ ބުންޏަސް ދޮގަކަށް ނުވާނެކަން ކަށަވަރެވެ. ދިވެހި ޤައުމީ ޓީމް މި ހޯދި ކާމިޔާބީގެ ސަބަބުން ދިވެހިން ރޭ ވަނީ އެކަތިގަޑަކަށްވެ އެކުވެރިކަން އާލާވެފައެވެ. ޤައުމީ ޓީމް ހޯދި ކާމިޔާބީގެ އުފާ ފާޅުކުރަމުން ގެންދަނީ ހަމައެކަނި ރާއްޖޭގެ ތިބި ދިވެހިން އެކަންޏެއް ނޫނެވެ.
ރާއްޖޭއާއި ލަންކާގެ އިތުރުން އެމަރިކާއާއި، މިސްރުގައާއި، އިންޑިޔާގެ ތިބި ދިވެހިން ވެސް މިކަމުގެ އުފާ ފާޅުކުރަމުން އެބަގެންދެއެވެ. އަދި ރާއްޖޭގެ ތިބި ގިނަ އަދަދެއްގެ ބިދޭސީން ވެސް ވަނީ ރަތް ޓީޝާޓް ލައިންގެން ޤައުމީ ޓީމް ހޯދި އުފާވެރި ކާމިޔާބީއަށް އުފާ ފާޅުކޮށްފައެވެ.
ލަންކާއާއި ރާއްޖޭގައިތިބި ދިވެހި ހުރިހާ ސަޕޯރޓަރުން ވެސް ތިބީ ރޭ މެޗްގައި ދިވެހި ޤައުމީ ޓީމުން ލަނޑު ޖަހާވަގުތަށް ކެންމަދުވެފައެވެ. މިގޮތުން މި މެޗްގައި ދިވެހި ބަތަލު މުޚުތާރު ނަސީރު ފަހުހާފުގެ 43 ވަނަ މިނެޓްގައި އިންޑިޔާގެ ގޯލަށް ފޮނުވާލި ބޯޅައާއި އެކީގައި ދިވެހި ސަޕޯރޓަރުންގެ އަޑު އެއް އަޑަކަށް މުޅި މާލޭގައާއި ލަންކާގެ ސްޓޭޑިއަމްގައި އިވިގެންދިޔައީ "ހޯޕް ހޯޕް" މޯލްޑިވްސް "ޑައުން ޑައުން " އިންޑިޔާގެ މިއަޑެވެ.
މި މުބާރާތުގައި އެންމެ ޝަރަފްވެރި މަގާމްތައް ވެސް ލިބިފައި ވަނީ ދިވެހި ޤައުމީ ޓީމަށެވެ. އެގޮތުން މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ އަލީ އަޝްފާގް، (ދަނގަޑޭ) އެވެ. އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ އިބްރާހިމް ފަޒީލް، (އޮއްޕޮ) އެވެ.
ލަންކާ ނޫސްތަކުގައި ބުނާގޮތުގައި ދިވެހި ރާއްޖޭއަށް ފުޓްބޯޅަ ދަސްކޮށްދިނީ ލަންކާއިން ކަމަށެވެ. އެހެންކަމުން މިފަހަރު މިއޮތީ އެދުރަށް ވުރެ ދަރިވަރުގެ ހުނަރު މޮޅުވެފައެވެ. މިއީ އަހަރަމެންގެ ފަހަރަކަށްވީ ރާއްޖޭގެ ޤައުމީ ޓީމުން ކުރި ހިތްވަރާއި، ދިވެހި ހުރިހާ ރައްޔިތުން ޤައުމީ ޓީމަށްދިން ހިތްވަރާއި ސަޕޯރޓްގެ ސަބަބުން ކަން ސައްތައިން ސައްތަ ޔަޤީން ވެގެން ހިގައްޖެއެވެ. ޤައުމީ ޓީމުން ދިވެހި ސަޕޯޓަރުންގެ އުއްމީދުތަކާއި އެމީހުން ދިން ތަރުހީބުގެ އަގު ވަޒަންކޮށްދިނީ އެމީހުންގެ މޮޅު ކުޅުމާއި ހުނަރުދައްކަމުން ގޮސް އެންމެ ފަހުވަގުތު ހުރިހާ ސަޕޯޓަރުން އުފަލުން ރޮއްވާލަމުންނެވެ.
ދިވެހި ޤައުމީ ޓީމް ހޯދި ކާމިޔާބީއަށް އިރު އޮބްޒާވަރގެ ހުރިހާ މުވައްޒަފުންގެ ފަރާތުންނާއި އަދި ސަން އެފް އެމް ގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ތިކުރި ހިތްވަރަށް އައްސަރިބަހާއި ސާބަސް ދެމެވެ.


