ތިން ލައްކައިން ނިކުތް އެގާރަ، 1.5 ބިލިއަނުން ނެރުނު 11 ގެ މައްޗަށް ކުރި ހޯދައިފި

Adjust font size: Decrease font Enlarge font
image

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗްގައި ރޭ ބައްދަލުކުރި ތިން ލައްކަ(ރާއްޖެ)ން، ނިކުތް އެގާރަ ކުޅުންތެރިން، 1.5 ބިލިއަން މީހުން ތަމްސިލްކުރާ އިންޑިއާއިން ނެރުނު އެގާރައިގެ މައްޗަށް ކުރި ހޯދައިފިއެވެ.

އިންޑިޔާ މައްޗަށް ރާއްޖެއަށް ކުރި ހޯދުނީ މެޗުގެ 87 ވަނަ މިނެޓްގައެވެ. އެއީ ރާއްޖެއަށް ލިބުނު ކޯނަރަކުންނެވެ. އަޝްފާގު ( ދަގަނޑޭ ) ނަގައިދިން، މި ކޯނަރު ގޯލްގެތެރެއަށް ފޮނުވާލީ، ގައުމީ ޓީމުގެ މުޚްތާރު ނަސީރެވެ. އިންޑިއާގެ ކީޕަރަށް ރަނގަޅަށް ނުފެނި މިބޯޅަ ގޯލުގެ ވާތްފަރާތު އަރިމަތިން ވަނުމާއެކު، ސްކޯބޯޑު 0-1ށް ބަދަލުވިއެވެ. އެހިނދު، ސުގަތަދާސަ ސްޓޭޑިއަމްގައި ތިބި އެތަންހާސް ދިވެހިންނާއެކު، ދިވެހިގައުމުވެސް އުފަލުން ކޮޅަށްތެދުވެ، ރާއްޖޭގެ ކާމިޔާބީގެ އަޑު ހަރުކުރަން ފެށިއެވެ. 

ރާއްޖެ މި މުހިންމު ފައިނަލުން މޮޅު ކޮށްދިނީ ވެލެންސިއާގެ ކުޅުންތެރިއެއް ކަމަށްވާ މުހްތާރު ނަސީރު (ޓޫކިލޯ) ޖަހާދިން ލަނޑުންނެވެ. މި މުބާރާތުގައި ސެމީ ފައިނަލްގައި ރާއްޖެއާއި ސްރީލަންކާ ބައްދަލުކުރި މެޗުގައި ރާއްޖެ ފައިނަލަށް ދިއުމަށް މަގު ފަހިކޮށްދިނީވެސް ހަމަ އެމެޗުގެވެސް 87 ވަނަ މިނެޓްގައި ރާއްޖެއަށް އިބްރާހިމް ފަޒީލް (އޮއްޕޮ) ޖަހާދިން ލަނޑުންނެވެ. އެހެންކަމާއެކު މި މުބާރާތުގެ ދެމެޗުގެ 87 ވަނަ މިނިޓުވަނީ، ރާއްޖޭގެ ފުޓުބޯޅައިގެ މުހިންމު ވަގުތެއްކަމަށްވެ ތާރީޚުގެ ތެރެއަށް ވަދެފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު ފައިނަލް މެޗަށްޓަކައި،  އިއްޔެ ހެނދުނުއްސުރެ ފެށިގެން މުޅިގައުމުވެސް އައީ ގައުމީ ޓީމަށް ސަޕޯޓުކުރުމަށްޓަކައި  ތައްޔާރުވަމުންނެވެ. ދިވެހި ހުރިހާ ރައްޔިތުންހެން ރަތް ހެދުމުގައި އައީ މެޗު ފެށޭނެ ވަގުތަކަށް އިންތިޒާރު ކުރަމުންނެވެ.

މާލޭގެ ކޮންމެ މަގެއްގެ މައްޗަށް ނުކުތަސް އިއްޔެ ފެންނަމުން ދިޔައީ ރަތްކުލައިގެ ދިދަތަކުން މަގުތައް ޒީނަތްތެރި ކުރަމުން ދިޔަ މަންޒަރެވެ.  ޤައުމީ ދިދައިން، ގޭގެއާ، ވެހިކަލްތަކާ މަގުތަކާ، ދިވެހިންގެ ކޯތާފަތްތައް ވަނީ ޒީނަތްތެރިކޮށްފައެވެ. އެހެންކަމާއެކު އިއްޔެ ފެންނަމުންދިޔައީ ސައިކަލްތަކާއި ޓެކްސީތަކާއި މީހުންގެ އަމިއްލަ ކާރުތަކުގައި ދިދަ ހަރުކޮށްގެން މީހުން ދުއްވަމުންދިޔަ މަންޒަރެވެ. މާލޭގެ ހެދުން ވިއްކާ ކޮންމެ ފިހާރައަކުންވެސް ޑިސްޕްލޭއިން ފެންނަމުންދިޔައީ ރަތްކުލައިގެ ހެދުމެވެ.  

ފައިނަލް މެޗު ކިކްއޮފް ކުރި ވަގުތަކީ މާލޭގެ ހުރިހާ މަގުތަކަށް ހަމަހިމޭންކަން އައިވަގުތެވެ. މި މަންޒަރު ބޮޑަށް ސިފަވެގެންދިޔައީ ރޯދަމަހު އިރުއޮއްސޭ ބަންގި ގޮވާ ވަގުތު އެންމެންހެން ރޯދަވިއްލަން ގޭގެއަށް ވަން ވަންނަމުން އަންނަ ގޮތަށެވެ. އެކަމަކު އިއްޔެ ދިވެހިން މެޗުބަލަން ވަނީ ހަމައެކަނި ގޭގެއަކަށް ނޫނެވެ. މަގުތަކުގައި މެޗު ދައްކަން ޚާއްސަކުރެވިފައިހުރި ސްކްރީންތަކުގެ ކައިރިއަށްވެސް ގިނަބަޔަކު ޖަމާވަމުން ދިޔައެވެ. ފުރަތަމަ ހާފްގެ ބްރޭކް ގަޑީގައި ބައެއް މިފަދަ ސްކްރީންތަކުން މެޗުބަލަން ތިބި މީހުންނަށް ބޮނޑިބަތާއި ކުޅިމަސް ފަދަ ކާއެއްޗެހި ތައްޔާރުކޮށްފައި ހުއްޓެވެ.

ދެވަނަ ހާފް ނިމެން އުޅެނިކޮށް ރާއްޖެއަށް ޗެމްޕިއަންކަން ހޯދުމަށް މުހުތާރު ޖަހާދިން ލަނޑާއެކު މުޅި ރައްޔިތުންހެން ވަގުތުން ނަށާ އުފާ ފާޅުކުކުރަމުން ގެންދިޔައެވެ. ބައެއް މީހުން އުފަލުން ރޮއިވެސްހެދިއެވެ. މެޗު ނިމުނު ވަގުތާއި ދިމާކޮށް ވާރޭ ވެހެން ފެށި ނަމަވެސް ސަޕޯޓަރުންނަށް ވާރޭ ވެހޭކަމުގެ އިހުސާސެއްވެސް ނުވެއެވެ. ބޯ ވާރޭ ތެރޭގައި ސަޕޯޓަރުން ޕިކަޕްތަކުގަޔާއި ސައިކަލްތަކުގައި މަގުތަކަށް ނިކުމެ، މި ބޮޑު ކާމިޔާބީ  ފާހަގަކުރަން ފެށިއެވެ.  ކޮންމެ މަގެއް މައްޗަށް ނިކުތަސް އިވެނީ އެއް އަޑެކެވެ. އެއްލަވައެކެވެ. އެންމެން އެއް ރޫހެއްގައި ލަވާ ހަޅޭކުގެ އަޑެވެ.  "ހޯޕް ހޯޕް މޯލްޑިވްސް"  އާއި " ގައުމީ ޓީމަށް މަރުޙަބާ" ކިޔާ އަޑެވެ. ދިވެ ސަޕޯޓަރުން އުފާ ފާޅުކުރުމުގައި ފަތިހު ހަތަރެއް ޖަހަންދެއް ހަރަކާތްތެރިވިއެވެ.

ރޭގެ އޮތް ފައިނަލް މެޗު ފާހަގަކުރެވިގެން ދިޔައީ ވަރަށް ގިނަ ރެކޯޑްތަކެއްވެސް ގާއިމުކުރެވިގެން ދިޔަ މެޗެއްގެ ގޮތުގައިއެވެ. އެގޮތުން މި މުބާރާތް ދެ ޤައުމުގައި ބޭއްވި ފުރަތަމަ ފަހަރު ކަމަށްވުމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ރާއްޖޭގެ ކުޅުންތެރިއަކަށް ލިބުމާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ރާއްޖޭގެ ކުޅުންތެރިއަކަށް ލިބުނުކަން ފާހަގަކުރެވެއެވެ.

ބޭރުގެ ނޫސްތަކުގައި ރާއްޖޭގެ މި ފަޚުރުވެރި ކާމިޔާބީގެ ވާހަކަ ލިޔަމުން އައީ " ސްމޯލް އިޒް ބިއުޓިފުލް" ގެ ގޮތުގައެވެ. އެމީހުން އެ ސިފަކުރަމުން ގެންދަނީ އެންމެ 3 ލައްކަ މީހުންގެ ކުޑަ އާބާދީއަކުން ނެރުނު 11 ކުޅުންތެރިން 1.5 ބިލިއަން އާބާދީގައި ހިމެނޭ އިންޑިއާއިން ނެރުނު ގަދަ 11 ޖަހާލައިފި ވާހަކައެވެ. އަދި މިސަރަހައްދުގެ ފުޓުބޯޅައިގެ މިއަދުގެ ރަސްކަލަކީ ދިވެހިރާއްޖެ ކަމުގެ ވާހަކައެވެ.

ރޭގެ މެޗް ބެއްލެވުމަށްޓަކައި ރައީސް މައުމޫނުގެ ދެކަނބަލުން ދަނޑަށް ވަޑައިގެން ޤައުމީޓީމަށް ފޯރި ދެއްވަމުން ގެންދެވިއެވެ. މިފަޚުރުވެރި ތައްޓާއެކު ޤައުމީޓީމު ރޮސްޓްރޮމަށްއައިސް ރައީސް އަތްޕުޅަށް ތަށި އެރުވިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ރޭގެ މެޗްބަލަށް ދަނޑަށްދިޔަ ދިވެހިންނަށް ރައީސްވަނީ ފަރިއްކޮޅެއް ދެއްވާފައެވެ.

 

(Wvcawrukun ulwdwb cawscaevid ujEaugcnel uDObIk cSwmuyil cniawnWt) cSwmuvcaedulWyiK cSwmuyilim

This website is compatible with Internet Explorer - Hosted By MediaHostWorld