ކޮންގރެހަށް އަންނަ މީހުންގެ އިންތިޚާބު 27ގައި ބާއްވަންނިންމައި ތިންވަނަފަހަރަށް، ޑީއާރުޕީ ކޮންގްރެއް ފަސްކޮށްފި
ޑީއާރުޕީގެ ކޮންގްރެސް ތިންވަނަ ފަހަރަށް ލަސްކޮށް އަންނަމަހު ބާއްވަން ހަމަ ޖައްސަވައިފިއެވެ.
އެޕާޓީގެ އިސްތަރުޖަމާނު އިބްރާޙިމް ޝާފިޢު ވިދާޅުވިގޮތުގައި ބުދަދުވަހުގެރޭ ބޭއްވި، ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައި، ދެވަނަ ކޮންގރެސް އަންނަ ޖުލައިމަހުގެ ދިހަޔަކުން ބާރައަށް ކުރިއަށްގެންދިއުމަށްވަނީ ނިންމާފައެވެ. އެންމެފަހުން މިކޮންގރެސް ބާއްވަން ހަމަޖައްސާފައިއޮތީ، މިމަހު ސައްބީހުން އަށާވީހަށެވެ.
ޝާފިޢު ވިދާޅުވިގޮތުގައި، ކޮންގރެސް ފަސްކުރަން ނިންމީ، ޤާނޫނުއަސާސީ ފާސްނުވެވާތީ، އެކަމަށް ފުރުސަތު ދިނުމަށެވެ. މިވަގުތަށް އެންމެމުހިއްމީ ޤާނޫނުއަސާސީ ނިންމުންކަމަށް ޕާޓީން ދެކޭކަމަށްވެސް ޝާފިޢު ވިދާޅުވިއެވެ.
ކޮންގރެސް ފަސްވުމާއި ގުޅިގެން އަތޮޅުތަކުން ކޮންގރެހުގައި ބައިވެރިވުމަށް އަންނަމީހުން ހޮވުމަށް ބާއްވާ އިންތިކާބު މިމަހު ހަތާވީހުގައި ބޭއްވުމަށް ކައުންސިލުން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މި އިންތިޚާބު ހަތާވީސްވަނަ ދުވަހު މުޅިރާއްޖޭގައި ބޭއްވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝާފިޢު އިތުރަށް ވިދާޅުވިގޮތުގައި، ބުދަދުވަހުގެރޭ ބޭއްވި ކައުންސިލްގެ ޖަލްސާގައި، ކޮނގރެހުގައި، ޒަޢީމް މައުމޫނުގެ ރަނިންގމޭޓް ކަނޑައެޅުމަށް ފެންނަ ތިންގޮތެއްވެސް ޒަޢީމަށްވަނީ އަރުވާފައެވެ. އޭގެ ތެރޭގައި، އިންތިޚާބަށް ކުރިމަތިލައްވާ ކެނޑީޑޭޓް ރަނިންގމޭޓް ޢައްޔަނު ކުރުމާއި، ކައުންސިލުން ރަނިންގމޭޓް ޢައްޔަން ކުރުމާއި، ކޮންގރެސްއިން ރަނިންގމޭޓް ކަނޑައެޅުމެވެ. ނަމަވެސް އަދި އެކަން ވަކިގޮތަކަށް ހަމަނުޖެހޭކަމަށްވެސް ޝާފިޢު ވިދާޅުވިއެވެ.




