ސޯޝަލް ޑިމޮކްރެޓިކް ޕާޓީން ރައީސް މަޢުމޫނަށް ތާއިދުކުރަނީ ޕާޓީގެ އަޣުލަބިއްޔަތު އޮތީމަ:ރީކޯ
މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީން ރައީސް މަޢުމޫނަށް ތާއިދުކުރަނީ ޕާޓީގެ އަޣުލަބިއްޔަތު އޮތީމަ ކަމަށް އެޕާޓީގެ ލީޑަރ ރީކޯ އިބްރާޙިމް މަނިކު ވިދާޅުވެއްޖެއެވެ.
އިބްރާޙީމްމަނިކު މިހެން ވިދާޅުވީ، އެ ޕާޓީން ރޭ އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރޭ މިބޭއްވުނު ޖަލްސާއަކީ އެޕާޓީގެ ކޮންގްރެސް ބޭއްވުމާއި ގުޅިގެން އެކަމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާއެއް ކަމަށް އެޕާޓީން މަޢުލޫމާތު ދެއްވިއެވެ. ކޮންގރެސްގައި، ބޮޑު އަޣްލަބިއްޔަތަކުން ޕާޓީގެ ލީޑަރަކަށްހޮވުނީވެސް އިބްރާޙިމް މަނިކެވެ.
މިއަދު އިރު އޮބްޒާވަރުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިބްރާހިމް މަނިކު(ރީކޯ) ވިދާޅުވީ ރޭ އައްޑޫގައި މިބޭއްވި ޖަލްސާއަކީ އެޕާޓީގެ ކޮންގރެސް އިންތިޚާބު ނިމުމާއި ގުޅިގެން އެޕާޓީގެ ބައެއް މެމްބަރުން ޖަލްސާއެއް ބޭއްވުމަށް އެދިލައްވައިގެން ބޭއްވި ޖަލްސާއެއް ކަމަށެވެ.
މިޖަލްސާގައި، އެޕާޓީން ވަކިކެނޑިޑޭޓަކު ނުނެރުއްވާނެ ކަމަށާއި އެޕާޓީން ބޭނުންވަނީ މިހާރު ތިއްބެވި ކެޑިޑޭޓުންނަށް ބައްލަވައި ޤައުމަށް އެންމެ ފައިދާކުރާނެ ކެޑިޑޭޓަކު ހޮއްވައި އެބޭފުޅަކަށް ތާއިދުކުރެއްވުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 5 އަހަރަށް ރައީސް މައުމޫނު އެމަޤާމުގައި ހުންނަވަން ފެނިވަޑައި ގަންނަވާ ކަމަށް އެޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް އެގްޒެކްޓިވް ކައުންސިލް މެމްބަރުން ވިދާޅުވެފައިވާ ކަމަށާއި މިޖަލްސާގައި އައްޑޫގެ ވަރަށް ގިނަ ރައްޔިތުން ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް މަނިކު ވިދާޅުވިއެވެ.




