އިންޑިޔާ ކަނޑުގައި ހިމެނޭ އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހޮވިއްޖެ
ފަނަރަ ވަނަ ވޯލްޑް ޓްރެވަލް އެވޯޑްގެ އިންޑިޔާ ކަނޑުގެ ސަރަހައްދުގައި ހިމެނޭ އެންމެ މަގުބޫލު މަންޒިލް ނުވަތަ "އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަން" އަކަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޗައިނާގެ ޝަންހާއީގައި ބޭއްވި ރަސްމިއްޔާތުގައި އެ އެވޯޑްގެ އިތުރުން މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށްވެސް ވަނީ އެވޯޑެއް ލިބިފައެވެ. އެބަނދަރު ހޮވިފައިވަނީ އިންޑިޔާ ކަނޑުގެ ސަރަހައްދުގެ އެންމެ މަގުބޫލް ވައިގެ ބަނދަރުގެ ގޮތުގައެވެ. އޭގެ އިތުރުން ކޮންރެޑް މޯލްޑިވްސް އާއި ރަންގަލި އައިލެންޑް ރިސޯޓް ހޮވިފައިވަނީ އިންޑިޔާ ކަނޑުގެ ސަރަހައްދުގެ އެންމެ މަގުބޫލު ހޮޓާ ކަމުގައެވެ. އަދި އިންޑިއަން އޯޝަންސް ލީޑިންގ ވިލާސް، އެވޯޑަށް ހޮވިފައިވަނީ ބަރޮސް ރެސިޑެންސް އާއި ބަރޮސް މޯލްޑިވްސްއެވެ.
ވޯލްޑް ޓްރެވަލް އެވޯޑްގެ އިންޑިޔާ ކަނޑުގެ ސަރަހައްދުގައި ހިމެނޭ އެންމެ މަގުބޫލު ރިޒޯޓު ކަމުގައި ކުރުނބާ މޯލްޑިވްސް ހޮވިފައިވެއެވެ. އަދި އިންޑިޔާ ކަނޑުގެ ސަރަހައްދުގައި ހިމެނޭ އެންމެ މަގުބޫލު ޓްރެވަލް އެޖެންސީ އަކަށް ހޮވިފައިވަނީ ވާމިލަންއެވެ.
ރާއްޖޭގެ ފެންވަރުގައި ކުރުނބާ މޯލްޑިވްސް ދެ އެވޯޑެއް ހާސިލްކޮށްފައިވެއެވެ. އެއީ އެންމެ މަގުބޫލު ރިޒޯޓުގެ އެވޯޑާއި އެންމެ މަގުބޫލު ސްޕާ ރިޒޯޓުގެ އެވޯޑެވެ. ރާއްޖެއަށް މިފަހުރުވެރި އެވޯޑުތައް ހާސިލްވެފައިވަނީ 167،000 ވުރެ ގިނަ ޕްރޮފެޝަނަލުން ލީ ވޯޓަކުންނެވެ. ވޯލްޑް ޓްރެވަލް އެވޯޑް ދޭން ފަށާފައިވަނީ 1993 ކުން ފެށިގެންނެވެ.


