ތެލުގެ އަގު ބޮޑުވަމުންދާތީވެ ފޯކައިދޫގައި މަސްވެރިކަން ދަށްވެއްޖެ
އެއްދުވަހުން އަނެއްދުވަހަށް، ތެލުގެއަގު ބޮޑުވަމުން ދިއުމާއި ގުޅިގެން، ށ.ފޯކައިދޫގައި ޒަމާނުއްސުރެ ކުރަމުން އަންނަ މަސްވެރިކަން، ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް އެރަށު އޮފީހުން ހާމަކޮށްފިއެވެ.
ފޯކައިދޫ ކަތީބު ޢަލީ ނިޒާރު، އިރު އޮބްޒާވަރަށް މަޢުލޫމާތު ދެއްވިގޮތުގައި އެރަށަކީ ޒަމާނުއްސުރެ މަސްވެރިކަން ވަރަށް ރަނގަޅަށް ކުރަމުންދާ ރަށެކެވެ.
ނަމަވެސް ތެލުގެ އަގަށް އަންނަމުންދާ ބަދަލުގެ ސަބަބުން މަސްވެރިކަމަށް އެކަމުގެ އަސަރުކޮށްފައިވަނީ، މަސްއައިން ހޯދުމަށް ބޭނުންވާވަރަށް، ދުރަށް ނުދުއްވޭތީއެވެ.
ތަފާތު މަސްވެރިކަން ކުރަމުންދާ މިރަށުގައި ހަމައެކަނި ކަނޑުމަސްވެރިކަން ކުރުމަށް 11 މަސސްދޯނި އޮންނައިރު ބޮޑުކަންނެލީގެ މަސްވެރިކަމަށް 4 ދޯނި ބޭނުން ކުރަމުންދެއެވެ.
ބޮޑުކަންނެލީގެ މަސްވެރިކަމަކީ އެރަށުގެ ރައްޔިތުންނަށް ފުދޭވަރެއްގެ އާމްދަނީ ލިބޭ ކަމެކެވެ.
މީގެއިތުރުން މިރަށުގައި އިހީގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަން ވެސް ކުރެއެވެ.
އެހެން ނަމަވެސް މިދުވަސްވަރު ދަންކަމަށް ފާހަގަ ކުރެވެނީ ކަނޑުމަހުގެ މަސްވެރިކަމެވެ.
ނިޒާރު އިތުރަށް މަޢުލޫމާތު ދިންގޮތުގައި މަސްވެރިކަމުގައި އުޅެނީ ޒުވާނުންކަން ފާހަގަ ކޮށްލަންޖެހެއެވެ.
މިކަމުގައި ޒުވާނުން ހަރަކާތްތެރި ވުމަކީ މަސްވެރިކަމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަސްވެރިކަން މިރަށުގެ ރައްޔިތުންނަށް އެކަށީގެންވާ އާމްދަނީއެއް ލިބޭނީ މަސްވެރިކަމުން ކަމަށް ވެސް އެނާ މަޢުލޫމާތުދެއްވިއެވެ.
އަދި މަސްވެރިކަން ރަގަޅިއްޔާ ހަފުތާޔަކު 5000 ރުފިޔާގެ އާމްދަނީއެއް ކޮންމެ ފަޅުވެރިޔަކަށް ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެންމެ މަދުން ބެނޭ ދުވަސް ދުވަހުވެސް ފަޅުވެރިޔަކަށް ހަފުތާއަކު 700 ރުފިޔާ އާމްދަނީ އެއްގެ ގޮތުގައި ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މަސްވެރިކަމުން ރަށުގެ ތަރައްގީއަށާއި ޢުމްރާނީގޮތުން ވަރަށް ގިނަ ފައިދާ ލިބޭ ކަމަށް ވެސް ކަތީބު ވިދާޅުވިއެވެ.
އާބާދީގައި 1443 މީހުން ދިރިއުޅޭ މިރަށުގައި ގްރޭޑް 10 އަކާއި ހަމަޔަށް ދަނީ ކިޔަވައިދެމުންނެވެ.


