ޔުނިކޯނެއް ފަދަ ފުއްލާއެއް އިޓަލީގައި ދިރިއުޅޭ
އިޓަލީގެ ނޭޗަރ ޕްރިޒަރވް ޕާކެއްގައި ޔުނިކޯނެކޭ އެއްފަދަ ފުއްލާއެއް ދިރިއުޅޭކަމަށް އެޤައުމުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ.
ރޯ ޑިއަރގެ ނަމުން ނަން ދެވިފައިވާ މި ފުއްލާއަށް ޔުނިކޯނެއްގެ ސިފަ އައިސްފައިވަނީ އޭތީގެ ބޮލު މެދުގައި އިންނަ ދަޅުގެ ސަބަބުންނެވެ. ޖަނަވާރުން ހިމާޔަތްކުރާ ޕާކުގެ އޮފިޝަލުން މަޢުލޫމާތުދިންގޮތުގައި އެއް އަހަރުގެ މި ފުއްލާއަށް އޭތި ބަލަން އަންނަ މީހުން ވަނަމަކަށް ދީފައިވަނީ 'ޔުނިކޯން' އެވެ. މި ފުއްލާ ބަލަން ޕާކަށް އެތައް ބަޔަކު ޒިޔާރަތްކުރާކަމަށް އެތާނގެ އޮފިޝަލުން ހާމަކުރިއެވެ.
ރޯ ޑިއަރއަށް މިއާދަޔާ ހިލާފު ސިފަ ލިބިފައިވަނީ އޭތި އުފަންވި އިރު ދިމާވެފައިވާ ހޯމޯނަލް ޑިސްއޯޑަރއެއްގެ ސަބަބުން ކަމަށް ބެލެވޭކަމަށް ޕްރާޓޯގައި ހުންނަ ސެންޓަރ އޮފް ނެޗުރަލް ސައިންސަރޒްގެ ޑައިރެކްޓަރ ގިލްބަރޓޯ ޓޯޒީ ވިދާޅުވިއެވެ. ޓޯޒީ މަޢުލޫމާތުދިންގޮތުގައި ރޯ ޑިއަރގެ އެއްމާބަނޑު ބޭބެގެ ބޮލުގައި ދެ ދަޅު އިނދެއެވެ. ޓޯޒި ހާމަކުރިގޮތުގައި މިއީ، އޭނާއަށް ޔުނިކޯނެކޭ އެއްފަދަ މިފަދަ ޖަނަވާރެއް ފެނުނު ފުރަތަމަ ފަހަރެވެ. ޓޯޒީ ވިދާޅުވިގޮތުގައި ޔުނިކޯން ފަދަ ހިޔާލީ އެއްޗެއް ފިލްމުތަކުގައާއި ކުރީގެ ވާހަކަތަކުގައި އައުމަށް މެދުވެރިވެފައިވަނީ ޖަނަވާރުތަކުން ފެންނަ މިފަދަ އާދަޔާ ޙިލާފު ކަންކަމުންކަމަށް ބެލެވެއެވެ.
ޔުނިކޯންއަކީ ހުދު އަހެއްގެ ސިފައަށް މެދުގައި ދަޅެއް ފަޅަފައި ހުންނަ ޖަނަވާރެކެވެ. ބައެއް މީހުން ޔުނިކޯންއަކީ ހަޤީޤަތުގައިވެސް ދުނިޔޭގައި އުޅޭ އެއްޗެއް ކަމަށް ޤަބޫލުކުރާއިރު، އަނެއް ބައި މީހުން ދެކެނީ މިއީ ކުރީޒަމާނުގެ މީހުން ޤައބޫލުކުރާ ބޯދާ ކަންކަމުގެ ތެރެއިން ކަމެއްކަމަށެވެ.




