އެސްޓީއޯގެ ސާފު ފައިދާ 3.3 އިންސައްތަ އިތުރުވެއްޖެ
30 June 2008 | sadhuma
ހުސްވި އަހަރު އެސްޓީއޯގެ ސާފު ފައިދާ 3.3 އިންސައްތަ އިތުރުވެ 142 މިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ. އެސްޓީއޯގެ އަހަރީ ރިޕޯޓުގައިވާ ގޮތުން 2006 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 137 މިލިއަން ރުފިޔާއެވެ. އެސްޓީއޯގެ ޑިރެކްޓަރުންގެ ރިޕޯޓުގައިވާ ގޮތުގެ މަތިން ނެޓް ފައިނޭންސިންގ ވަނީ 2006 ވަނަ އަހަރާއި އަޅާ ބަލާއިރު މިދިޔަ އަހަރު އިތުރުވެފައެވެ. އެގޮތުން 2006 ވަނަ އަހަރު ނެޓް ފައިނޭންސިންގ ހަރަދެއްގެ ގޮތުގައި 5 މިލިއަން ރުފިޔާ އަދި މިދިޔަ އަހަރު 7މިލިއަން ރުފިޔާއަށްވަނީ އިތުރުވެފައެވެ. އެސްޓީއޯގެ އަހަރީ ރިޕޯޓު ބުނާގޮތުގައި މި ކުރިއެރުން ލިބިފައިވަނީ އެސްޓީއޯއިން ކޮށްފައިވާ އިންވެސްޓްމަންޓްތަކުން ލިބުނު އާމްދަނީ އިތުރުވުމުންނާއި، ބޭންކަށް ދައްކަންޖެހޭ އިންޓްރެސްޓް ގެ އަދަދު ކުޑަ ކުރެވިފައިވާތީއެވެ. ހުސްވި އަހަރު އެސްޓީއޯގެ ޖުމްލަ ވިޔަފާރި 7.2 އިންސައްތަ ދަށްވިކަމުގައި ވިޔަސް ލިބުނު ފައިދާވަނީ 2006 ގައި 302 މިލިއަން ރުފިޔާއިން 2007 ގައި 308 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ މީގެ ކުރީ އަހަރާ އަޅާބަލާއިރު 1.9 އިންސައްތައިގެ ކުރިއެރުމެކެވެ. ހިއްސާގެ ބާޒާރުގައި ހުސްވިއަހަރު 280 ހިއްސާ ވިކިފައިވާ ކަމަށާއި ހިއްސާގެ ޖުމްލަ ވިޔަފާރިއަކީ 0.19 މިލިއަން ރުފިޔާ ކަމަށް އެ ރިޕޯޓު ބުނެއެވެ. ނަމަވެސް 2006 ވަނަ އަހަރު ގަނެ ވިކުނީ 934 ހިއްސާ ކަމަށާއި ޖުމްލަ އަދަދަކީ 0.65 މިލިއަން ރުފިޔާ ކަމަށެވެ. 2006 ވަނަ އަހަރާއި އަޅާބަލާއިރު 2007 ވަނަ އަހަރު ހިއްސާގެ ބާޒާރުގައި އެސްޓީއޯގެ މާކެޓް ކެޕިޓަލައިޒޭޝަން ވަނި 58.3 އިންސައްތަ އިތުރުވެފައެވެ. އެގޮތުން 2006 ވަނަ އަހަރު މާކެޓް ކެޕިޓަލައިޒޭޝަންއަކީ 485 މިލިއަން ރުފިޔާއެވެ. އަދި 2007 ވަނަ އަހަރު މާކެޓް ކެޕިޓަލައިޒޭޝަންއަކީ 766 މިލިއަން ރުފިޔާއެވެ. އެސްޓީއޯއަށް އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީ 2006 ވަނަ އަހަރަށްވުރެ 2007 ވަނަ އަހަރު ވަނީ އިތުރުވެފައެވެ.




