އެމްޑީޕީން މެމްބަރުން ވަކިވާވަރަށް ޕާޓީ ވަނީ ވަރުގަދަ:ޒަކީ
އެމްޑީޕީން މެމްބަރުން ވަކިވާވަރަކަށް އެޕާޓީވަނީ ވަރުގަދަކަމަށް ޕާޓީގެ ނާއިބްރައީސް ވިދާޅުވެއްޖެއެވެ.
ޕާޓީގެ ރައީސްކަމުގެ މަޤާމު ވަގުތީގޮތުން އަދާކުރަމުންދާ އެޕާޓީގެ ނާއިބްރައީސް އިބްރާޙީމް ޙުސެއިން ޒަކީ، ވިދާޅުވީ، މެމްބަރުން ވަކިވާވަރަކަށް އެޕާޓީއަށް ދުވާލަކަށް 10 އަށްވުރެން ގިނަ މީހުން އިތުރުވަމުންދާ ކަމަށާއި ޕާޓީ އިތުރަށް ވަރުގަދަވަމުންދާ ކަމަށެވެ. އަދި އެމްޑީޕީ އުފެދުނުތާ 3 އަހަރު ފުރުން އެޕާޓީން ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކުރަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މާދަމާރޭ ކަލާފާން ސްކޫލްގައި ބާއްވާ ޖަލްސާއަށް އެމްޑީޕީގެ ހުރިހާ މެމްބަރުންނަށާއި އެޕާޓީއަށް ތާއިދުކުރައްވާ ބޭފުޅުންނަށް، ދައުވަތު އަރުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިޖަލްސާގައި ޕާޓީގެ އިސްލީޑަރުން ވާހަކަ ދައްކަވާގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ޒަކީ ވިދާޅުވިއެވެ.
ޒަކީ ވިދާޅުވި ގޮތުގައި އެމްޑީޕީގައި މިހާރުވެސް 21،000 މެމްބަރުން އެބަތިއްބެވެ. އަދި 5000 މެމްބަރުންގެ މައްސަލަ އުޅޭކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެމްޑީޕީން ވަކިވެވަޑައިގަންނަވާ އެއްވެސް މެމްބަރަކު ޑީއާރުޕީއާއި ގުޅިވަޑައިނުގަންނަވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެންވެސް އެންގެނީ އެމްޑީޕީ އަށް މެމްބަރުން މަދުނޫންކަމަށާއި އެބޭފުޅުން އެމްޑީޕީއަށް ކުރައްވާ ތާއިދު ގެ ބޮޑުކަން ކަމަށް ޒަކީ ވިދާޅުވިއެވެ.




