އޭޝިއަން ޝޫޓިންގ ކޮންފަޑަރޭޝަންގެ ރައީސް، ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައިސާ ބައްދަލުކުރައްވައިފި
ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ ދަޢުވަތަކަށް މިހާރު ރާއްޖެވަޑައިގެން އުޅުއްވާ, އޭޝިއަން ޝޫޓިންގ ކޮންފެޑަރޭޝަންގެ ރައީސް ހިޒްއެކްސަލަންސީ ޝެއިޚް ސަލްމާން އަލް ސަބާޙް ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޭޖަރ ޖެނެރަލް މުހައްމަދު ޒާހިރުއާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލްސެކިއުރިޓީ އިސްމާޢީލް ޝަފީޢުއާއި އިއްޔެ ބައްދަލްކުރައްވައިފިއެވެ. ސިފައިންގެ މައިމަރުކަޒުގައި އިއްޔެ މެންދުރުކުރީގައި ވަކިވަކިން ބޭއްވުނު އެ ބައްދަލްކުރެއްވުމުގައި، ރާއްޖޭގެ ޝޫޓިންގ ކުރިއެރުވުމާއި، އެކިރޮނގުރޮނގުން ދެފަރާތުގެ އެއްބާރުލުން އިތުރުކުރެވުމާއިމެދު މަޝްވަރާކުރެވުނެވެ.
ޝެއިޚް ސަލްމާން އަލް ސަބާޙް ގެ މިދަތުރުފުޅުގައި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް އަށާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް ވެސް ވަނީ ޒިޔާރަތް ކުރަށްވާފައެވެ. މީގެއިތުރުން ގިރިފުށީ ޝޫޓިންގ ރޭންޖް ވެސް ޝެއިޚް ސަލްމާން އަލް ސަބާޙް ވަނީ ބައްލަވާލައްވާފައެވެ.




