ރައީސުލްޖުމްހޫރިއްޔާ، ދި ޓީވީގެ ޚިދްމަތް ރަސްމީގޮތުން އިފްތިތާޙުކޮށްދެއްވައިފި
ބްރޯޑްކާސްޓިންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގާ ދި ޓީވީގެ ޚިދްމަތް، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރަސްމީގޮތުން އިފްތިތާޙުކޮށްދެއްވައިފިއެވެ.
މިކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި، ދި ޓީވީގެ ޚިދްމަތް އިފްތިތާޙުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދި ޓީވީއަކީ ހުނަރުވެރި ދިވެހި މުވައްޒަފުންތަކެއްގެ ބުރަ މަސައްކަތުން، ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވުޖޫދަށް ގެނެސްފައިވާ ޗެނެލެއް ކަމުގައި ވިދާޅުވެ، ދި ޓީވީގެ ބާނީ އަލްފާޟިލް ޗަމްޕާ މުޙަންމަދު މޫސާއަށާއި، ޗީފް އެގްޒެކެޓިވް އަލްފާޟިލް ޔޫސުފް ނަވާލަށާއި، ޑިރެކްޓަރުން ކަމުގައިވާ އަލްފާޟިލް މަސްޢޫދު ޢަލީއަށާއި، އަލްފާޟިލް އިބްރާހީމް ޚަލީލަށާއި، އަލްފާޟިލް ޙަސަން މައުމޫނަށާއި، އެ ޗެނެލްގެ ހީވާގި ހުރިހާ މުވައްޒަފުންނަށް ތަހުނިޔާ ވިދާޅުވެ ޝުކުރު އަދާކުރެއްވިއެވެ.
ދި ޓީވީގެ ބާނީ އަލްފާޟިލް މުޙަންމަދު މޫސާއަކީ، ރާއްޖޭގެ އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ އެންމެން ދަންނަ ވަރަށް މަޤްބޫލެއް ބޭފުޅެއް ކަމަށާއި، ހަމައެހެންގެ އޭނާގެ ޢާއިލާގެ ބޭފުޅުންނަކީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާގައި ވަރަށް އެކަށީގެންވާ ގޮތެއްގައި ޙަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ، ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ހޯއްދަވައިދެއްވަމުން ގެންދަވާ ބޭފުޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެބޭފުޅުންނަކީ، ޤައުމީ ކަންކަމުގައި ވަރަށް ޚާއްޞަ ގޮތެއްގައި ސަރުކާރަށް އެއްބާރުލުން ދެއްވާ، ވަރަށް އިޚްލާޞްތެރި ބޭފުޅުންކޮޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ މީޑިއާގެ ވެށި މިނިވަންވަމުން، މީޑިއާގެ މައިދާން ފުޅާވަމުން އަދި މީޑިއާގެ ޙަރަކާތްތައް އިތުރުވަމުންދާއިރު، އެހެން ބާވަތްތަކުގެ ނުފޫޒާއި ކޮންޓްރޯލްގެ ތެރެއަށް ނޫސްވެރިކަން ވެއްޓިގެންދާ ދިޔުމުގެ މައްޗަށް ފިކުރު ހިންގާލަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި މީޑިއާގެ ޙަރަކާތްތެރިކަން އިތުރުވަމުންދާއިރު، ބޮޑަށް މި އަމާޒު ހިފެނީ، ޢާންމުންގެ ޝައުޤުވެރިކަން ދަމައިގަންނަ ކަންކަމަށް ކަމަށްވިޔަސް، މީޑިއާގެ އަސާސީ ދައުރުތައް އަޅުގަނޑުމެން ހަނދާންނައްތާލައިގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގައި ކަންތައްތައް ވަމުންދާން ޖެހޭނީ، މާތްވެގެންވާ އިސްލާމްދީނުގެ ހަރުދަނާ އުޞޫލުތަކާ އެކަށީގެންވާގޮތުގެ މަތިން، އަދި ރާއްޖޭގެ ޘަޤާފަތު ތަންދޭ ގޮތެއްގެ މަތިންކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި ޚަބަރުފަތުރާ ވަސީލަތްތައް މިނިވަންކުރާއިރު، އަޅުގަނޑުމެން ކަންތައްތައް ކުރަމުން ގެންދަންވާނީ، އަޅުގަނޑުމެންގެ ދީނާއި އަޅުގަނޑުމެންގެ ޘަގާފަތު ތަންދޭ ގޮތެއްގެ މަތިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއާ ޚިލާފަށް އަޅުގަނޑުމެން ކަންތައްތައް ކޮށްފިނަމަ، އަޅުގަނޑުމެންގެ ތެރޭގައި މައްސަލަތަކެއް ނުކުމެދާނެކަމީ ގަބޫލުކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
ފާޑުކިޔުމަކީ ބޭނުންތެރި ކަމެއް ކަމަށާއި، އެހެން ނަމަވެސް ފާޑުކިޔަންވާނީ ވަރަށް މުހިންމު އަސާސްތަކެއްގެ މަތީގައިކަން ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރެއްވިއެވެ. އޭގެތެރެއިން އެންމެ މުހިންމު އަސާސަކީ، އެފާޑުކިޔުމަކީ ޙަޤީޤަތުގެ މައްޗަށް ބިނާވެގެންވާ ފާޑުކިޔުމަކަށްވުން ކަމަށާއި، އަނެއް އަސާސަކީ ފާޑުކިޔުމުގެ މަޤްޞަދަކީ ކަންކަން އިޞްލާޙު ކުރުން ކަމަށްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އާ ޤާނޫނުއަސާސީއެއް ބަލައިގަންނަން ޤައުމު ތައްޔާރުވަމުން މިދަނީ، ވަރަށް ޚުޠޫރަތްތެރި ދަނޑިވަޅެއްގައިކަން ބަޔާންކުރައްވަމުން، މިފަދ ދަނޑިވަޅުތަކުގައި ޤައުމު އެކަތިގަނޑެއްގެ ގޮތުގައި ހިފެހެއްޓުމަށް، މިނިވަން އިތުބާރުހިފޭ މީޑިއާއެއްގެ ދައުރު ވަރަށް މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ނުތަނަވަސްކަން އުފެދޭ ދަނޑިވަޅެއްގައި އެކަން ހޫނުކުރުމުގެ ބަދަލުގައި ފިނިކުރުމަށް މަސައްކަތް ކުރުމަކީ މީޑިއާ އަދާކުރަންވާނެ ދައުރެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ޙަފްލާގައި، ދި ޓީވީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް ވެދުމަށް އެރުވިއެވެ. މި ފިލާ، ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުއްވީ، ދި ޓީވީގެ ބާނީ އަލްފާޟިލް މުޙަންމަދު މޫސާއެވެ. އަދި ދި ޓީވީއާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯއަކާއި، ދި ޓީވީ ޗެނެލްގެ ތަޢާރުފުގެ ވީޑިއޯއެއްވެސް މިރަސްމިއްޔާތުގައި ދެއްކިއެވެ.
ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު، ސާފް ޗެމްޕިއަންޝިޕް 2008 ގައި ހޯދި ކާމިޔާބީއާ ގުޅިގެން، ދިވެހި ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ޗަމްޕާ ބްރަދަރސް ޕްރައިވެޓް ލިމިޓެޑުން ޤައުމީ ޓީމަށްދޭ ފަންސާސް އެއްހާސް ޔޫ.އެސް.ޑޮލަރުގެ ފައިސާގެ އިނާމާއި، އަދި ދި ޓީވީ އާއި ދި އެފް.އެމް އަދި ޕްރިންޓެކުންދޭ އަށްޑިހަހާސް ދިވެހި ރުފިޔާގެ ފައިސާގެ އިނާމު، ޤައުމީ ޓީމާ ހަވާލުކުރެއްވުން މިރަސްމިއްޔާތުގައި އޮތެވެ. މިފައިސާ ޓީމާ ހަވާލުކުރެއްވީ، އަލްފާޟިލް މުޙަންމަދު މޫސާއެވެ




