ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދިނުން މަނާ ބާވަތްތައް އާއްމުކުރުމާއި އިޝްތިހާރު ކުރުން މަނާކޮށްފި
05 July 2008 | raniya
ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ އެއްވެސް ބާވަތެއް ރާއްޖެ އެތެރެކުރުމާއި، އުފެއްދުމާއި، އަދި ވިޔަފާރީގައި ބޭނުންކުރުން މަނާކުރެވިފައިވާ ޤަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ އެއްވެސް އެއްޗެއް އިސްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ މަނާކަމެއް ކަމަށް އިންފޮމޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ގާތުންދޭ ކިރުގެ ބަދަކުގައި ކުޑަކުދިންނަށް ދޭ ބާވަތައް މަނާކުރާ ގަވާއިދެއް އެކުލަވާލާފައެވެ. މި ޤަވާއިދުގެ 2 ވަނަ ބާބުގެ 6 ވަނަ މާއްދާގެ ދަށުން މިތަކެތި އިޝްތިހާރު ކުރުމާއި އެހެން އެއްވެސް ގޮތެއްގައި ޕްރޮމޯޓްކުރުމަކީ މަނާ ކަމެކެވެ. އަދި މި ޤަވާއިދަށް 01 އޮގަސްޓް 2008 ވަނަ ދުވަހުން ފެށިގެން އަމަލްކުރާނެކަމަށް ވެސް އެއޮތޯރިޓީން މަޢުލޫމާތު ދެއްވިއެވެ. މި ޤަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ކިރުގެ ޙާއްސަ ބާވަތްތައް ހިމެނޭ ގޮތަށް ޅަފަތުގެ ކުދިންނަށް އުފައްދާފައި ހުންނަ ކިރުގެ ބާވަތްތަކާއި، ފޮލޯއަޕް ނުވަތަ ފޮލޯއޮން ފޯމިއުލާއާއި، 6 މަހުން ދަށުގެ ކުދިނަށް ދިނުމަށް އެކަށީގެންވާ އެއްޗެއްގެ ގޮތުގައި މާކެޓްކުރާ ނުވަތަ އެހެންވެސް ސިފައެއްގައި ގެންގުޅެވޭ ދިޔާ ކިރާއި، ހިކި ކިރު، ބަދަލުގެނެސްފައިވާ ކިރުގެ ބާވަތްތައް އަދި ގަސްގަހާގެހީގެ ބާވަތްތަކުން އުފައްދާފައިވާ ކިރުގެ އެއްވެސް ބާވަތެއް ރާއްޖޭ އެތެރެކުރުމާއި ވިޔަފާރީގައި ބޭނުންކުރުމާއި އުފެއްދުމަކީ މަނާކަމެކެވެ. މިއިން އެއްވެސް ބާވަތެއްގެ އެއްޗެއް އެއްވެސް ޙާލެއްގައި އިޝްތިހާރުކުރެވި އާއްމުކުރެވިގެން ނުވާނެ ކަމަށާއި މިއިން އެއްވެސް އެއްޗަކާއި ބެހޭ ގޮތުން ލިޔެ ޗާޕުކުރުމާއި ޓީވީއާއި ރޭޑިއޯއިން ފޮނުވުމާއި، ވީޑިއޯއުފެއްދުމާއި، އިލެކްޓްރޯނިކް މުއާމަލާތްތަކާއި، އިންޓަރނެޓް އަދި ޓެލެފޯން މެދުވެރިކޮށް އާއްމުކުރުމަކީ މަނާކަމެއް ކަމަށް ވެސް އެޤަވާއިދުގައި ވެއެވެ. މިޤަވާއިދައް އަމަލްކުރަން ފެށުމާއި އެކު މިނޫން ގޮތަކަށް އަމަލްކުރަމުންދާ ފަރާތްތަކާއި މެދު ޤަވާއިދުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެޑިޕާރޓްމަންޓުން މަޢުލޫމާތުދެއްވިއެވެ.




