ކާބޯތަކެތިން ނެގޭ ޑިއުޓީ ކުޑަކުރުމަށް އިގްތިސާދީ މާހިރުން ގޮވާލައިފި
ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުއުފުލުމާއި ގުޅިގެން ރާއްޖޭގެ ތަކެތީގެ އަގު ވެސް ބޮޑުވަމުންދާތީވެ ކާބޯތަކެތިން ނެގޭ ޑިއުޓީ ކުޑަކުރުމަށް އިގްތިސާދީ ބައެއް މާހިރުން ގޮވާލައްވައިފިއެވެ.
އިގްތިސާދީ މައްސަލަތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް ދަރުބާރުގޭގައި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އޯޕަންސޮއިޓީގެ ފަރާތުން ބޭއްވި މިބައްދަލުވުމުގައި ވާހަކަ ދެއްކެވި ބައެއް އިގްތިސާދީ މާހިރުން ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ މަސައްލަތަކާއި ބެހޭ ގޮތުން ހިޔާލުފާޅު ކުރެއްވިއެވެ.
މިބައްދަލުވުމުގެ ބައިވެރިން ވަނީ ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުއުފުލުން ކުޑަކުރުމަށް ކާބޯތަކެތިން ނެގޭ ޑިއުޓީ ކުޑަކުރުމަށް ގޮވާލާފައެވެ. އަދި މިކަމުގެ ސަބަބުން ތަކެތީގެ އަގު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވޭނެ ކަމަށާއި މިއީ ވިވަގުތު ކުރުން ވަރަށް މުހިންމު ކަމެއް ކަމަށް އެބޭފުޅުން ފާހަގަކުރެއްވިއެވެ.
މިބައްދަލުވުމުގެ ބައިވެރިން ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކާއި ބެހޭ ގޮތުން މަޝްވަރާކޮށް ހިޔާލުފާޅުކޮށްފައެވެ. މިގޮތުން ރާއްޖޭގެ ބަޖެޓަށް ދިމާވެފައިވާ މައްސަލަތަކާއި އިންފްލޭޝަން ރޭޓް މައްޗަށްދާ މައްސަލަ ފާހަގަކޮށް ބައިވެރިން ވަނީ ހިޔާލު ބަދަލުކޮށްފައެވެ. އަދި މިމައްސަލަތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވި ބޭފުޅުން ވަނީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށާއި ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ނޫން އެހެނިހެން ޚަރަދުތައް ނުކުރުމަށް ވެސް ގޮވާލައްވާފައެވެ.
މީގެ އިތުރުން ފަޤީރުންނަށް، މުއްސަނދިން އިސްނަގައިގެން އެހީވާނެ ގޮތްތަކެއް އުސޫލުތަކެއް ކަނޑައެޅުމަށްވެސް ގޮވާލެއްވިއެވެ.




