މިފްކޯއިން އެންމަސް ގަތުން ހުއްޓާލައިފި
މިފްކޯއިން މަސްވެރިންގެ އަތުން ގަންނަމުންއައި އެމުގެ ބާވަތްތައް ގަތުން ބުރާސްފަތި ދުވަހުން ފެށިގެން ހުއްޓާލައިފިކަމަށް އެ ކޮންޕެނީން ހާމަކޮށްފިއެވެ.
މިފްކޯއިން އެންމަހުގެ ބާވަތްތައް ގަތުން ހުއްޓާލެއްވުމަށް ނިންމެވީ ފިޝަރީޒް މިނިސްޓްރީން އެގޮތަށް އަމަލްކުރުމަށް އެންގެވުމާއި ގުޅިގެނެވެ. އެ މިނިސްޓްރީން އެންމަސްގަތުން ހުއްޓާލުމަށް އެންގީ އެކަމުގެ ސަބަބުން މަސްވެރިކަން ދަށްވެ މަސްވެރިކަން ނިކަމެތިވަމުން އަންނާތީ ކަމަށް މިފްކޯއިން މަޢުލޫމާތު ދެއްވިއެވެ.
އެންމަސް ގަތުމަށް މިފްކޯއިން ފެއްޓެވި މި ޕްރޮގްރާމަކީ މަސްވެރިކަން ދަށްވެފައިވާ ދުވަސްވަރަކަށް ވާތީ މަސްވެރިންނަށް އިތުރު އާމްދާނީއެއް ހޯދައިދިނުމުގެ ގޮތުން ފެށި ޕްރޮގްރާމެކެވެ. އަދި އެންމަހަކީ އާއްމުކޮށް މަސްވެރިން އުކާލާ އެއްޗަކަށްވުމުގެ އިތުރުން މަސްވެރިކަން ޒީރޯ ވޭސްޓަށް ހެދުމުގެ މަގްސަދުގައި ކުރި ކަމެއްކަމަށް އެކުންފުނިން ވިދާޅުވިއެވެ.
މިފްކޯއިން މިހާރުވެސް މަސްވެރިންނަށް އިތުރު އާމްދަނީއެއް ހޯދައިދިނުމުގެ ގޮތުން ކަޅުބިލަމަހާއި ކަންނެލީގެ އިތުރުން ހިބަރާއި މުށިމަސް ރިންމަސް އަދި މާނިޔާމަސް ވެސް މަސްވެރިންއަތުން ގަނެއެވެ.




