ބަޑީގެ ހަމަލާތަކެއްގައި އަފްޤާނިސްތާނުގެ ޕާލިމަންޓް މެމްބަރެއް މަރުވެއްޖެ
އަފްޤާނިސްތާނުގެ ކަންދަހަރް ޕްރޮވިންސްއަށް އިއްޔެ ދެވުނު ބަޑީގެ ހަމަލާތަކެއްގައި އެޤައުމުގެ ޕާލިމަންޓް މެމްބަރެއް މަރުވެއްޖެކަމަށް އެޤައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ.
ހަބީބުﷲ ޖާން މަރާލެވިފައިވަނީ ޒާރީ ޑިސްޓްރިކްޓުގައި ހުރި އަފްޤާންނިސްތާނުގެ އަސްކަރީ ބޭސްއަކަށް ޒިޔާރަތް ކުރެއްވިތާ ގަޑިއިރުތަކެއްގެ ތެރޭގައެވެ. ޕާލިމެންޓުގެ މެމްބަރެއްކަމަށް އިސްކުރެއްވުމުގެ ކުރިން ހަބީބުﷲ ވަނީ އެސަރަހައްދުގެ އަސްކަރީ ކޮމާންޑަރުކަން ކުރައްވާފައެވެ.
ހަބީބުﷲ އަވަހާރަކޮށްލި ކަމުގެ ޚަބަރު އައިސްފައިވަނީ އެމެރިކާއާއާއި އަފްޤާނިސްތާނުގެ އޮފިޝަލުން ވައިގެ އޮޕަރޭޝަނެއް ހިންގިކަން އިޢުލާންކުރުމާ އެކުގައެވެ. އަފްޤާނިސްތާނުގެ ރައްޔިތުން ބުނިގޮތުގައި އެޤައުމުގައި ހުންނަ އެމެރިކާ ސިފައިން ދިން މިހަމަލާތަކުގައި އާންމުންގެ 22 މީހުންވަނީ މަރުވެފައެވެ. ނަމަވެސް އެމެރިކާގެ އަސްކަރިއްޔާއިން ހާމަކުރިގޮތުގައި އެމީހުން މިހަމަލާތައް އަމާޒުކޮށްފައިވަނީ ނުރިސްތާން ޕްރޮވިންސްގައި ތިބި ހަނގުރާމަވެރިންނަށެވެ.
މިކަމާބެހޭގޮތުން އެމެރިކާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ހާމަކޮށްފައިވާގޮތުގައި އެމީހުންގެ ވައިގެ ސިފައިންވަނީ ނުރިސްތާނުންލާފައި ދިޔަ ހަނގުރާމަވެރިންގެ 2 އުޅަނދަކަށް ހަމަލާތަކެއްދީ، އޭގައި ތިބި ހަނގުރާމަވެރިންގެ މީހުން މަރާލާފައެވެ. ނަމަވެސް އަފްޤާނިސްތާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ މި ދެ އުޅަނގުގައި ދަތުރުކުރަމުންދިޔައީ އާންމުންގެ ބައެއް ކަމަށެވެ. އަދި މިހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި އަންހެނަކާއި ކުޑަކުއްޖެއް ހިމެނޭކަމަށްވެސް އެފަރާތުން ހާމަކުރިއެވެ.
އަފްޤާނިސްތާނުގައި ބޭރުގެ 70 ހާހަށްވުރެ ގިނަ ސިފައިންގެ ލަޝްކަރުދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ތެރެއިން ގިނައީ ނޭޓޯގެ އިސާފްގެ ދަށުން މަސައްކަތް ކުރަމުންދާ ބޭރުގެ ސިފައިންނެވެ.




