ބެލާރަސްގެ ވެރިރަށަށް ދެވުނު ބޮމުގެ ހަމަލާގައި މަދުވެގެން 50 މީހުން ޒަޚަމްވެއްޖެ
ބެލާރަސްގެ ވެރިރަށް މިންސްކަށް އިއްޔެ ދެވުނު ބޮމުގެ ހަމަލާގައި މަދުވެގެން 50 މީހުން ޒަޚަމްވެއްޖެއެވެ.
މިންސްކްގެ އިންޓީރިއަރ މިނިސްޓަރ ވްލަޑަމީރް ނައުމޯވް ހާމަކުރެއްވިގޮތުގައި މިހަމަލާ ދެވިފައިވަނީ މިންސްކްގެ މިނިވަން ދުވަހާއި ގުޅިގެން ބޭއްވުނު ކޮންސެޓަކަށެވެ. ބެލާރަސްގެ ރައީސް އެލެކްޒެންޑަރ ލޫކާޝެންކޯ ޒިޔާރަތް ކުރެއްވި މިކޮންސެޓަށް ދެވުނު ބޮމުގެ ހަމަލާގައި އެމަނިކުފާނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް ނައުމޯވް ވިދާޅުވިއެވެ.
ބްލާރަސްގެ މިނިވަން ދުވަހުގައި ބޭއްވުނު މިކޮންސެޓަށް ބޮމުގެ ހަމަލާ ދީފައިވަނީ ކޮން ފަރާތަކުންކަމެއް އަދި ހާމަވެފައި ނުވާކަމަށް ފުލުހުން ހާމަކުރެއެވެ. އެތައް ހާސް ބައެއް ޒިޔާރަތްކުރި މި ކޮންސެޓަށް ދިން ހަމަލާ އަމާޒުކޮށްފައިވަނީ ކޮން ބަޔަކަށް ކަމެއްވެސް އަދިވަނީ ހާމަނުވެއެވެ.ނަމަވެސް އޮފިޝަލުން ހާމަކުރައްވާފައިވަނީ މިހަމަލާ އަމާޒުކުރެވިފައިވަނީ ރައީސް އެލެކްޒެންޑަރއަށް ކަމަށް ނުބެލެވޭކަމަށެވެ. މިހަމަލާގައި ޒަޚަމްވެގެން ހޮސްޕިޓަލުގައި އެޑްމިޓުކުރެވިފައިވާ މީހުންގެ ތެރެއިން 6 މީހުން މިހާރުވަނީ ދޫކޮށްލެވިފައެވެ.
ދަގަނޑު ނަޓާއި އިސްކޫރު އަދި މޮހޮރު ފަދަ ތަކެތި ލައިގެން ހެދިފައިވާ މިބޮމުގެ ސަބަބުން ޒަޚަމްވި ގިނަ މީހުންގެ އަތްފަޔަށްވަނީ މޮހޮރު ހެރިފައެވެ. ބެލާރިސްގެ ފުލުހުން މިހާރުދަނީ މިމައްސަލަ ތަހުޤީޤު ކުރަމުންނެވެ.




