ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވަން ރައީސް ހަމަޖައްސަވައިފި
ތެލުގެ އަގާއި، ކާބޯތަކެތީގެ އަގާއި، އެހެނިހެން ބާވަތްތަކުގެ ތަކެތީގެ އަގުތައް ދުނިޔޭގެ ބާޒާރުގައި ހަލުވިކަމާއެކު އުފުލިގެން ދިޔުމުންނާއި، ދުނިޔޭގެ އިޤްތިޞާދަށް މިވަގުތު ވެރިވެފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށާއި ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރުތައް ފޯރަން ފަށާފައިވާތީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
މިކަން މިގޮތަށް ހަމަޖައްސަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައި، ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން އެޅުއްވުމަށް ހަމަޖެއްސެވި ފިޔަވަޅުތައްވަނީ ބަޔާން ކުރައްވާފައެވެ.
އެފިޔަވަޅުތަކުގެ ތެރޭގައި، ސަރުކާރުގެ ތަންތަނުން އެކިއެކި އިޙްތިފާލްތަކާއި، އުފާފާޅުކުރުމުގެ ގޮތުން ބާއްވަވާ ޕާޓީފަދަ ކަންތައްތަކާއި، އެކިއެކި ދުވަސް ދުވަހާއި، މުނާސަބަތުތައް ފާހަގަކުރުމުގެގޮތުން ކޮންމެހެން ބާއްވަވަންޖެހޭ ކަންތައްތައް ފިޔަވައި، އެހެން ކަންތައްތައް ނުބޭއްވެވުމާއި، ސަރުކާރުގެ ތަންތަނުން ބާއްވަވާ މުބާރާތްތަކުގެ ތެރެއިން، ކޮންމެހެން ބާއްވަންޖެހޭ މުބާރާތްތައް ނޫން އެހެން މުބާރާތްތައް ނުބޭއްވެވުން ހިމެނެއެވެ. އަދި ސަރުކާރުގެ އޮފީސްތަކުގެ ތެރެއިން ކޮންމެހެން ހުޅުވާފައި ބަހައްޓަވަންޖެހޭ އޮފީސްތަކާއި، މެދުކެނޑުމެއްނެތި ހުޅުވާފައި ބަހައްޓަވަންޖެހޭ ތަންތަން ފިޔަވައި، ސަރުކާރުގެ އެހެން ތަންތަން ހަވީރު 6ގެ ފަހުން ނުހުޅުވާގޮތަށް ހަމަޖެއްސެވުމާއި، ކަރަންޓް ބޭނުންކުރެއްވުމުގައި ވީހާވެސް ބޮޑަކަށް ޚަރަދު ކުޑަކުރެއްވުމުގެގޮތުން އެއަރކޮންޑިޝަން، ފަންކާ، ހޮޅިބުރި، ބޮކިފަދަ ތަކެތި އެންމެ މަދުމިނަކަށް ބޭނުންކުރައްވައިގެން ހަމަޖެއްސެވުމާއި، ކަރަންޓުން ބޭނުންކުރައްވާ ތަކެތި ބޭނުންކުރައްވާ ނިމުމުން ނިއްވާލެއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުން ހިމެނެއެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއްސާއި، ކަނޑުގައި ދުއްވާ އިންޖީނުލީ އެއްޗެތީގެ ދަތުރުތައް، ވެވަޑައިގެންނެވިވަރަކުން މަދުކުރެއްވުމަށާއި، ސަރުކާރުގެ ތަންތަނަށް ރާއްޖެއިން ބޭރުން ހޯއްދަވާ ތަކެތީގެ ތެރެއިން ހަމަ ކޮންމެހެން ބޭނުން އެއްޗެތި ފިޔަވައި އެހެން ތަކެތި މިވަގުތު ނުހޯއްދެވުމަށް، މިދެންނެވުމުގައި ސަރުކާރުގެ އޮފީސްތަކަށްވަނީ އަންގަވާފައެވެ. އަދި ސަރުކާރުގެ ތަންތަނުން ރާއްޖެއިން ބޭރާ ގުޅުއްވަންޖެހޭ ކަންކަމުގައި ސިޓީ/ އީމެއިލް/ ފެކްސް ފޮނުއްވައިގެން ހަމަޖެއްސެވެން ހުންނަ ކަންތައްތައް ސިޓީ/ އީމެއިލް/ ފެކްސް ފޮނުއްވައިގެން ހަމަޖެއްސެވުމަށާއި، މިއިން ގޮތަކުން ހަމަޖެއްސެވެން ނެތިގެންނޫނީ އެކިއެކި ކަންކަމުގައި ރާއްޖެއިން ބޭރަށް ފޯނުން ނުގުޅުއްވުމާއި، އާދައިގެ ފޯނުން ގުޅުއްވެން ހުންނަ ވަގުތުތަކުގައި މޯބައިލް ފޯނު ބޭނުން ނުކުރެއްވުމަށްވެސް ވަނީ އަންގަވާފައެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން، މިއަހަރު ސަރުކާރުގެ ތަންތަނުން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތައް މަދުކުރެއްވުމަށްވެސް 2008 ޖޫން 26 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސަރުކާރުގެ އޮފީސްތަކަށް ވަނީ އަންގަވާފައެވެ.




