އިސްތިޢުފާ ދެއްވި ކަމަށް ދެކެވޭ ވާހަކަ ޑރ. ޝައުޤީ ދޮގެއްނުކުރެއްވި
ޓޫރިޒަމް މިނިސްޓަރ ޑރ މަހްމޫދު ޝައުޤީ، މިނިސްޓަރ ކަމުން އިސްތިޢުފާ ދެއްވިކަމަށް ދެކެވޭ ވާހަކަ އެމަނިކުފާނު ދޮގެއް ނުކުރެއްވިއެވެ.
ޓޫރިޒަމް މިނިސްޓަރ ކަމުގެ މަޤާމުން އިސްތިޢުފާދެއްވި ކަމަށް ދެކެވެމުންދާ ވާހަކައާއި ގުޅިގެން އިރު އޮބްޒާވަރުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައުޤީ ވިދާޅުވީ އިސްތިޢުފާ ދެއްވިކަމަށް ދެކެވޭ ވާހަކައަށް މިވަގުތު އެއްވެސް އެއްޗެކޭ ދެންނެވެން ނެތް ކަމަށެވެ. ނަމަވެސް އިސްތިޢުފާ ދެއްވާފައިވޭތޯ ދެންނެވުމުން އެކަން ދޮގެއް ވެސް ނުކުރައްވައެވެ.
ޝައުޤީ އިސްތިޢުފާ ދެއްވާފައިވާ ކަމަށް ބައެއް މީޑިއާތަކުން ވެސް ވަނީ ހާމަކޮށްފައެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް ފަރާތަކުން އަދި ޚުދު އެމަނިކުފާނުވެސް އެވާހަކަ ޔަޤީންކޮށް ދެއްވާފައެއް ނުވެއެވެ.
ޑރ. ޝައުޤީ ޓޫރިޒަމް މިނިސްޓަރ ކަމާއި ހަވާލުވެވަޑައި ގެންނެވީ 2005 ވަނަ އަހަރު އެވެ.
ޓޫރިޒަމް މިނިސްޓްރީއާއި ހަވާލުވެލެއްވުމަށްފަހު އެމަނިކުފާނު ވަނީ ޓޫރިޒަމް ދާއިރާއަށް ފާއިތުވި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ ކުރިއެރުން ތަކެއް ހޯއްދަވައި ދެއްވާފައެވެ. އަދި އަމަލީ ގޮތުން ޓޫރިޒަމް ދާއިރާ ކުރިއެރުއްވުމުގެ މަސައްކަތުގައި ޙަރަކާތްތެރިވެ ވަޑައިގެންފައި ވެއެވެ.
އެގޮތުން ޒަމާނުއްސުރެ އައްޑޫގެ ރައްޔިތުން ދެކެމުންއައި ހުވަފެންތައް ސީދާކޮށް، މިއަދު ވަނީ އެއަތޮޅަށް ޓޫރިޒަމް ތަޢާރަފްކޮށް ދެއްވާފައެވެ. މީގެއިތުރުން ވެސް ވަރަށް ގިނަ ކުރިއެރުންތަކެއް އެމަނިކުފާނު ވަނީ މިދާއިރާއަށް ހޯދައިދެއްވާފައެވެ.




