މާރަންދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
06 July 2008 | Mariyam Rania
ރަށްރަށުގެ ލަފާފުރުމުގެ ދަތިކަން ޙައްލުކޮށްދެއްވުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއުގެ ދަށުން ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ބަނދަރު ހެދުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ. މާރަންދޫ ބޮޑު ކަތީބު އިބްރާހިމް ވަޙީދު، އިރު އޮބްޒާވަރަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށު ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ. މި މަސައްކަތް ރަސްމީގޮތުން ފައްޓަވާދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރ މުހައްމަދު މަޢްރޫފް ޖަމީލްއެވެ. ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފެށުމުން ރަށުގެ ރައްޔިތުން އެކަމާއި ވަރަށް އުފާކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެރަށުގައި ހަދާ މިބަނދަރަކީ 300 ފޫޓު ދިގު 200 ފޫޓު ފުޅާ ބަނދަރެކެވެ. މިބަނދަރުގެ މަސައްކަތް ނިމޭއިރު ބޭރުތޮށީގައި ބޮޑުހިލަޖެހި އަދި އެއްގަމު ތޮށީގައި ކޮންކްރީޓް އެލްބުލޮކްޖެހުމަށް ވަނީ ހަމަޖެހިފައެވެ. މާރަންދޫ ބަނދަރުގެ މަސައްކަތް ފެށި ތާރީހުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަވަނީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ.




