109 ސްޓޯލާއެކު އެމްއެޗްޓީއީ މިއަދު ފަށައިފި
ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މޯލްޑިވްސް ހޮޓެލް އެންޑް ޓްރޭޑް އެގްޒިބިޝަން (އެމްއެޗްޓީއީ) މިއަދު ފަށައިފިއެވެ.
މި ފެއަރ އިންތިޒާމްކުރާ ފަރާތްކަމުގައިވާ އާޓްލައިން ޑިޒައިން ސަރވިސްގެ އިވެންޓް ކޯޑިނޭޓަރ އިބްރާހިމް އާމިރު ވިދާޅުވީ މި ފެއަރގެ މައިގަނޑު މަގްސަދަކީ ރާއްޖެއާއި ބޭރުގެ ވިޔަފާރިވެރިން އެއް ފަންގިފިލާއެއްގެ ދަށަށް ގެނައުން ކަމަށެވެ. މިފެއަރ ހުޅުއްވައިދެއްވީ ޓްރޭޑް މިނިސްޓަރ މުހައްމަދު ޖަލީލެވެ. މި ފެއަރ ގައި މުޅިއެކު 80 ކުންފުނި ބައިވެރިވެފައިވެއެބެ. އެއީ ރާއްޖޭގެ 34 ކުންފުންޏަކާއި ބޭރުގެ 46 ކުންފުންޏެކެވެ.
އާމިރު ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރުން މި ފެއަރގައި ބައިވެރިވެފައިވާ ޤައުމުތަކަކީ އިންޑިޔާ، ސްރީލަންކާ، ދުބާއީ، ސިންގަޕޫރު، އިނގިރޭސިވިލާތް، އިޓަލީ އަދި އެމެރިކާއެވެ.
މި ފެއަރގައި ބައިވެރިވެފައިވާ ފަރާތްތަކަށް ސްޓޯލް ދޫކުރުމުގައި ވަކި އުސޫލެއް ގެންގުޅެފައިނުވާ ކަމަށް އާމިރު ވިދާޅުވިއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފެއަރއަށް 7000 މީހުންނަށް ދައުވަތު އަރުވާފައިވެއެވެ. މި ފެއަރގެ ފުރަތަމަ ދެދުވަސް ހާއްސަކޮށްފައިވަނީ ވިޔަފާރިވެރިންނަށެވެ. އަދި އެންމެ ފަހު ދުވަހު އާއްމުންނަށް ފެއަރ އަށް ވަދެވޭނެ ކަމަށް އިންތިޒާމް ކުރި ފަރާތުން ވިދާޅުވިއެވެ.


