މިއަހަރުގެ ނައިޓްމާކެޓް ރޭ ފަށައިފި
މިނިވަންދުވަހުގެ މުނާސަބަތުގައި ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ނައިޓްމާކެޓްތަކުގެ ތެރެއިން މިއަހަރުގެ ނައިޓް މާކެޓް ރޭ ހުޅުވައިފިއެވެ.މިއަހަރުގެ ނައިޓް މާކެޓް ހުޅުވައިދެއްވީ ސީނިއަރ މިނިސްޓަރ ޢުމަރު ޒާހިރެވެ.
މީގެ އިތުރުން ވިޔަފާރި ވެރިންގެ ޤައުމީ ޖަމްޢިއްޔާއާ ޓްރޭޑް މިނިސްޓްރީ ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރި ވެރިންނަށް އެހިތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޔުނިޓެއް ކަމުގައިވާ ބިޒްނަސް ލިންކް ރަސްމީކޮށް ހުޅުވުންވެސް ރޭ އޮތް. ބިޒްނަސް ލިންކް ހުޅުއްވައިދެއްވީ ވިޔަފާރި ވެރިންގެ ޤައުމީ ޖަމްޢިއްޔާގެ ފެއަރ ކޮމެޓީގެ ރައީސް އިބްރާހީމް ޖިހާދެވެ.
ދިހަރޭވަންދެން ކުރިއަށްދާ މިފަހަރުގެ ނައިޓް މާކެޓްގައި ފަސްސަތޭކަ ސާޅީސް ސްޓޯލް ހިމެނެއެވެ. މި ސްޓޯލް ތަކުން ތަފާތު އެކި ބާވަތް ބާވަތުގެމުދާ ހެޔޮއަގުގައި ލިބެން ހުންނާނެކަމަށް އެ ސްޓޯލްތަކުން މަޢުލޫމާތު ދެއެވެ.ކޮންމެ އަހަރެއްގެ ނައިޓްމާކެޓަކީވެސް އަތޮޅުތަކުންނާ އަވައްޓެރި ޤައުމުތަކުން ގިނަ ޢަދަދަކަށް، މީޙުން ހެޔޮ އަގުގައި ތަކެތި ގަތުމަށްޓަކައި ޒިޔާރަތްކުރާ ތަނެކެވެ. ނަމަވެސް ރޭގެ ބާޒާރަށް ޒިޔާރަތްކުރި މީހުންގެ ޢަދަދު މަދުކަން ފާހަގަކުރެވެއެވެ.
ނައިޓްމާކެޓްގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ ރޭ ބާޒާރަށް މީހުން ދިއުން މަދުވެފައިވަނީ، މިއީ މަސްނިމޭކޮޅު ކަމަށް ވުމުންނެވެ. އަދި ކުރިއަށްއޮތް ތަނުގައި ޒިޔާރަތްކުރާ މީހުން އިތުރުވެގެންދާނެކަމަށް އެފަރާތްތަކުން މަޢުލޫމާތު ދިނެވެ.
ތަކެތިވިއްކާ ފަރާތްތަކުން ބުނީ މިފަހަރުގެ މާކެޓުންވެސް ހެޔޮ އަގުގައި ތަކެތި ގަންނަން ލިބޭނެ ކަމަށެވެ. އަދި ތަކެތީގެއަގު ފާންސާސް ޕަސެންޓާއި ތިރީސް ފަސްޕަސެންޓާ ދެމެދު އަގުހެޔޮވާނެ ކަމަށްވެސް އެފަރާތްތަކުން މަޢުލޫމާތު ދިނެވެ. މިފަހަރުގެ ނައިޓްމާކެޓްގައި ބަދިގޭ ސާމާނާއި ކޮސްމެޓިކްސް އާއި ހިފާ ގެންގުޅޭ ޒާމާނާއި ގަހާއި ޕެޓްފިޝްއާއި ކަރަންޓް ސާމާނުގެ އިތުރުން އެހެނިހެންވެސް ވަރަށްގިނަ ބާވަތްތައް ހިމެނެއެވެ.


