ސްނޫޕް ޑޮގްގެ ޓުއަރ ބަސް ތެރެއިން މަސްތުވާތަކެތި ފެނިއްޖެ
އެމެރިކާގެ ރެޕް ލަވަ ކިޔުންތެރިޔާ ސްނޫޕް ޑޮގްގެ ޓުއަރ ބަސް ތެރެއިން މަސްތުވާތަކެތި ފެނިއްޖެކަމަށް ޓެކްސަސް ފުލުހުން ހާމަކޮށްފިއެވެ.
ސްނޫޕްގެ ބަހުން މި ޑްރަގްތައް ފެނިފައިވަނީ ޑެލަސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސެޓަކަށް އޭނާއާއި އޭނާގެ ޓީމް ދަތުރުކުރަމުންދިޔަ މަގުމަތީގައި ވެހިކަލް އިނސްޕެކްޝަން ޓީމެއް އައިސް ބަސް ފާސްކުރުމުގެ ތެރޭގައެވެ.
ފުލުހުން މަޢުލޫމާތުދިންގޮތުގައި މިބަސް ފާސްކުރުމުގެ ތެރޭގައި އެމީހުންނަށްވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މަރުއާނާގެ ވަސް ދުވާފައެވެ. އަދި އެމީހުންނަށްވަނީ މަރުއާނާގެ 56 ގްރާމް ބަހުގެ ތެރެއިން ފެނިފައެވެ. ބަހުގބައި ދަތުރުކުރަމުން ދިޔަ 27 އަހަރުގެ އީތަން ކެލޯންއާއި 26 އަހަރުގެ ކެވިން ބާކީވަނީ މިތަކެތީގެ ޒިންމާ ނަގާފައެވެ. މިދެމީހުންވަނީ ހައްޔަރުކުރުމަށްފަހު ބެއިލް ދެއްކުމަށްފަހު ދޫކޮށްލެވިފައެވެ.
ފާއިތުވި އަހަރު ސްނޫޕް ޑޮގްވަނީ މަރުއާނާ ހުރިކަމަށް ޝައްކުކުރެވިގެން ކެލިފޯނިއާގެ ބޮބް ހޯޕް އެއާޕޯޓުގައި ހިފެހެއްޓިފައެވެ. މީގެ އިތުރުން 1990 ގައި އޭނާގެ އަތުން ކޮކެއިން ފެނިގެން އޭނާއަށްވަނީ ހުކުން އިއްވިފައެވެ.


