ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަތާވީސްވަނަ ޖަލްސާ މާދަމާ އޮންނާނެ
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަތާވީސްވަނަ ޖަލްސާ މާދަމާ ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައި އޮންނާނެއެވެ.
މިޖަލްސާގެ އެޖެންޑާގައި ފުރަތަމަ ކަމަކަށް އޮތީ ހައްދުންމަތީ މެންބަރު މޫސާ މަނިކު މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެނަރޖީ އެންޑް ވޯޓަރ އަލްފާޟިލް އަޙްމަދު ޢަބްދުﷲ އާ ކުރައްވާ ސުވާލުކުރެއްވުމެވެ. ސުވާލުގެ ވަގުތަށްފަހު ޔައުމިއްޔާ ނަންބަރު 2008/36 ން 2008/38 އަށް (3 ޖަލްސާގެ) ޔައުމިއްޔާ ފާސްކުރުމެވެ. އެއަށްފަހު މާލޭ މެންބަރު މުޙަންމަދު ޝިހާބު ހުށަހަޅުއްވާ މާލެއާއި ހުޅުމާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށްތަކުގައި ގެސްޓް ހައުސް ހިންގުން މަނާކުރާ ސަރުކާރުގެ ސިޔާސަތު ނިމުމަކަށް ގެނައުމަށް އަންގާ ޤަރާރާ މެދު ގޮތެއްނިންމެވުމާއި ނިލަންދެއަތޮޅު ދެކުނުބުރީ މެންބަރު އަޙްމަދު ނާޝިދު ހުށަހަޅުއްވާފައިވާ ވަޒީރުންނާއި އެފެންވަރުގެ ބޭފުޅުންނާއި ސަފީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ މުޝީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުދަލާއި އާމްދަނީގެ ބިލުގެ ދެވަނަ ކިޔުމުގެ ބަހުސްގެ މަރުޙަލާ ކުރިއަށްގެންދެވުމުގެ އިތުރަށް ނިލަންދެއަތޮޅު ދެކުނުބުރީ މެންބަރު އަޙްމަދު ނާޝިދު ހުށަހަޅުއްވާފައިވާ ވެލްފެއަރގެ ކަންތައްތައް އެއްމުއައްސަސާއަކުން ބެލެހެއްޓުމުގެ ބިލުގެ ދެވަނަ ކިޔުމުގެ ބަހުސްގެ މަރުޙަލާ ކުރިއަށްގެންދެވުންވެސް މާދަމާގެ ޖަލްސާއަށް އެޖެންޑާކުރެވިފައިވެއެވެ.
މި ޖަލްސާ އަޑުއެއްސެވުމަށް ވަޑައިގަތުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.


