ސާފް ޗެންޕިއަންޝިޕްގެ ތަށި ފުވައްމުލަކަށް އަރުވައިފި
ސާފް ޗެންޕިއަންޝިޕްގެ ތަށި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރައްރަށަށް ގެންދިއުމުގެ ދަތުރުފަށާފައި ވަނިކޮށް އެތަށި ނޭރުވުމަށް އެދި ފުވައްމުލަކުގެ 2000 މީހުން ސޮއިކޮށް، އަތޮޅުވެރިޔާއަށް ސިޓީއެއް ފޮނުވާފައި ވަނިކޮށް، އިއްޔެ އެތަށި އެރަށަށް އަރުވައިފިއެވެ.
ނަމަވެސް ތަށި އެރުވުމަށް ތިންހާހަށްވުރެ ގިނަމީހުންގެ ސޮޔާއެކު ސިޓީއެއް ހުށަހަޅާފައިވެއެވެ.
އިއްޔެ މެންދުރު އެރަށަށް ތަށި އެރުވުމާއި އެކު އެރަށުގެ ރައްޔިތުންގެ ގިނަ ބަޔަކު ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.
ރަތް ދޫލައަޅާފައިވާ ފާލަމުގައި ތަށި ހިފައިގެން އަންނަ ޓީމަށް މަރުޙަބާ ކިޔުމަށް އަތޮޅުވެރިންގެ އިތުރުން އެރަށުގެ ބައެއް އިސްވެރިން ވެސް ތިއްބެވިއެވެ.
އެރަށައް ތަށި އެރުވުމަށް އެދި ހުށަހަޅާފައިވާ މީހުން ބުނަނީ އެތަށި އެރަށައް އަރުވަން ބޭނުންވާ ސަބަބުތައް ވަރަށް ގިނަ ކަމަށެވެ.
އެމީހުން ދެކޭ ގޮތުގައި އެތަށި އެރަށައް ނޭރުވި ނަމަވެސް ޚަރަދުތަކެއް ކުޑަވެގެންނުދާނެއެވެ.
އެތައްޓަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް އެއްޗެއް ކަމަށް އެމީހުން ޤަބޫލްކުރާކަމަށް، ޤައުމީ ޓީމު ހޯދި ކާމިޔާބީ އެމީހުން ހިއްސާކުރަންބޭނުންވާ ކަމަށެވެ.
ނަމަވެސް މިތަށި ނޭރުވުމަށް އެދި ހުށަހަޅާފައިވާ އެއްވެސް މީހަކު އެތަށި އެރަށައް ނޭރުވުމަށް އެދިފައިވަނީ ޤައުމީ ޓީމު ހޯދި ކާމިޔާބީ އަގުވަޒަންނުކުރާތީ ނޫން ކަމަށް ބުޏެވެ.
އެގޮތަށް އެދިފައިވަނީ މިހާރު ރާއްޖޭގެ މުދާލާއި ތަކެތީގެ އަގާއި ޚިދުމަތްތަކުގެ އަގު ބޮޑުވެފައިވަނިކޮށް އެފަދަ ބޭކާރު ޚަރަދެއް ކުރަން ބޭނުންނުވާތީ ކަމަށް އެމީހުން ބުންޏެވެ.
މިއަހަރުގެ ސާފް ޗެންޕިއަންޝިޕްގެ ތަށި ރާއްޖޭއަށް ލިބުމާއި ގުޅިގެން އެކާމިޔާބީއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ވެސް ޙައްގަކަށްވާތީވެ، އެތަށި ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ގެންދިއުމަށް ފަށާފައިވާ ދަތުރުގައި ބައެއް ރައްރަށުން ވަނީ އެތަށި އެރުވިޔަ ނުދީފައެވެ.


