އޮރޭގަންގެ މަތިންދާ ބޯޓެއް ވެއްޓި، މަދުވެގެން 4 މީހުން މަރުވެއްޖެ
05 August 2008 | Salma
މިއަދު ހެނދުނު އެމެރިކާގެ އޮރޭގަން ސްޓޭޓުގައި މަތިންދާ ބޯޓެއް ވެއްޓި، މަދުވެގެން 4 މީހުން މަރުވެއްޖެއެވެ.
އޮރޭގަންގެ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓު ކުރިގޮތުގައި މި މަތިންދާބޯޓު ވެއްޓިފައިވަނީ އޮރޭގަންއިން ނައްޓާލައިގެން ހުޅަނގުދެކުނަށް ދަތުރު ކުރަމުން ދަނިކޮށް، ގަރހާޓްގައި ހުރި ގެއެއްގެ މައްޗަށެވެ. މިހާދިސާގައި މަތިންދާބޯޓުގައި ތިބި 7 މީހުންގެ ތެރެއިން 4 މީހުންވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި 2 ދެކުދިން ހިމެނޭކަމަށް އޮފިޝަލުންވަނީ ހާމަކޮށްފައެވެ. މިހާދިސާގައި ޒަޚަމްވެ، ސަލާމަތްވެފައިވަނީ އަންހެނަކާއި ދެކުދިންނެވެ. މި މީހުންނަށް މިހާރުދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މިހާދިސާ މެދުވެރިވާން ދިމާވި ސަބަބެއް އަދި ހާމަވެފައެއް ނުވެއެވެ.


