އަފްޤާނިސްތާނަށް ދެވުނު ބޮމުގެ ހަމަލާއެއްގައި އެމެރިކާގެ ކަނޑުމަތީ ސިފައިންގެ މީހެއް މަރުވެއްޖެ
އަފްޤާނިސްތާނަށް ދެވުނު ބޮމުގެ ހަމަލާއެއްގައި އެމެރިކާގެ ކަނޑުމަތީ ސިފައިންގެ މީހެއް މަރުވެއްޖެކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.
އަފްޤާނިސްތާނުގެ ހުޅަނގުއުތުރުގެ ސަރަހައްދަކަށް އިއްޔެ ދެވުނު ހަމަލާގައި މަރުވެފައިވަނީ މެރިން ކޯޕްސް ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑްގެ ދެވަނަ މެރިން ސްޕެޝަލް އޮޕަރޭޝަންސް ބެޓެލިއަންއަށް އިސްކުރައްވާފައިވާ ކަނޑުމަތީ ސިފައިންގެ އޮފިޝަލެވެ. އެމެރިކާ އަސްކަރިއްޔާއިން މިކަމާބެހޭގޮތުން ނެރުނު ބަޔާނުގައި ހާމަކޮށްފައިވާގޮތުގައި އިއްޔެ އަފްޤާނިސްތާނުގެ އެހެން ސަރަހައްދެއްގައި ފުލުހުންނާއި ހަނގުރާމަވެރިންނާއި ދެމެދު ބަދަލުކުރެވުނު ހަމަލާތަކެއްގައި ހަނގުރާމަވެރިންގެ 14 މީހުން މަރުވެ، ދެމީހުންވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. މިހަމަލާތަކުގައި ފުލުހުންގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމެއް އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.
މިއަހަރު ތެރޭގައި އަފްޤާނިސްތާނުގައި ބަދަލު ކުރެވުނު ހަމަލާތަކުގައި 2700 އަށްވުރެ ގިނަ ފުލުހުންވަނީ މަރުވެފައެވެ.


