އުތުރު އޮސޭޝިއާއިން ޖޯޖިއާ ސިފައިން ފައިބައިފިކަމަށް ޖޯޖިއާއިން ހާމަކޮށްފި
ބީބީސީ ރިޕޯޓަރަކަށް މަޢުލޫމާތުދެމުން ޖޯޖިއާ ސަރުކާރުގެ ތަރުޖަމާނެއް ހާމަކުރިގޮތުގައި އެޤައުމުގެ ސިފައިން މިހާރުވަނީ އުތުރު އޮސޭޝިއާއިން ފައިބައިފައެވެ.
ނަން ހާމަނުކުރުމަށް އެދި ބީބީސީ ރިޕޯތަރަށް މަޢުލޫމާތުދެމުން އޭނާ ބުނެފައިވަނީ މިއީ އަސްކަރީ ފަހަތަށް ޖެހުން ކަމެއް ނޫންކަމާއި، މި ފިޔަވަޅު އަޅާފައިވަނީ އެޤައުމުގެ އާންމު ރައްޔިތުންގެ ރައްކާތެރިކަމަށް ކަމަށެވެ. ނަމަވެސް މިކަމާ ވިދިގެން ރަޝިއާގެ އަސްކަރިއްޔާއިން ބުނެފައިވަނީ ޖޯޖިއާއިން އަދިވެސް އުތުރު އޮސޭޝިއާއިން ފައިބާފައި ނުވާކަމަށެވެ.
އެފަރާތުން ހާމަކުރިގޮތުގައި މި މައްސަލަ އަދިވެސްއޮތީ ކުރިން އޮތްހާ ހޫނުމިނުގައެވެ. ޖޯޖިއާއިން ހާމަކޮށްފައިވާގޮތުގައި ރަޝިއާގެ 10 ހާހަށްވުރެ ގިނަ ސިފައިން މިހާރުވަނީ އުތުރު އޮސޭޝިއާއި އަބްޚާޒިޔާއަށް ހުރަސްކޮށްފައެވެ. ޖޯޖިއާއާއި އުތުރު އޮސޭޝިއާއި ދެމެދުގައިވާ ހުރަސްކުރާ ސަރަހައްދުގައި ހުރި ބީބީސީ ރިޕޯޓަރ ރިޗަރޑް ގަލްޕިން ހާމަކުރިގޮތުގައި އޭނާއަށްވަނީ އެ ސަރަހައްދުން ހަމަލާތައް ބަދަލުކުރާ އަޑު އިވިފައެވެ.
ރަޝިއާއާއި ގޯޖިއާއާއި ދެމެދުގައި ކުރިމަތިވެފައި މިވާ ހަމަނުޖެހުންތަކުގެ ސަބަބުން އެދެޤައުމުގެ މެދުގައި އެކުލަވާލެވިފައިވާ ޗާޓު އަލުން އަނބުރާ ކުރަންޖެހިދާނެކަމުގެ ބިރުވަނީ ހީވެފައެވެ.


