ޑީ.އާރު.ޕީ ކެމްޕެއިންގައި ބައިވެރިވެފައި ވާތީ، ހާނިމް ޑިރެކްޓަރ ޖެނެރަލް ކަމުން ޑިރެކްޓަރ ކަމަށް ބަދަލުކޮށްފި
ސިޔާސީ ޙަރަކާތެއްގައި ބައިވެރިވި ކަމުގެ ކުށުގައި، މިނިސްޓްރީ އޮފް ޔޫތު އެންޑް ސަޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަޤާމުގައި ހުންނެވި ހާނިމް ޑިރެކްޓަރ ކަމުގެ މަޤާމަށް ބަދަލުކޮށްފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ހާނިމަށް ޑިމޯޝަނެއް މިދިނީ، މިދިޔަ ބުރާސްފަތި ދުވަހުގެރޭ، ދިވެހި ރައްޔިތުންގެ ޕާޓީގެ ރިޔާސީ ކެމްޕެއިން ފެށުމުގެގޮތުން އަލިމަސް ކާނިވަލުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވުމާއި ގުޅިގެންނެވެ. ހާނިމް ވިދާޅުވެފައިވަނީ، އެރަސްމިއްޔާތުގައި ބައިވެރިވީ އަމިއްލަ ފަރުދެއްގެ ގޮތުގައި ކަމަށެވެ. ހާނިމާ އެކުއެކީގައި މި ރަސްމިއްޔާތުގައި، ޤައުމީ ފުޓުބޯޅަ ޓީމުގެ ބައެއް ކުޅުންތެރިންވެސް ބައިވެރިވިއެވެ.
އެފް.އޭ.އެމު.ން ވިދާޅުވީ، އެކަން އެފަރާތުން ބަލަމުން ގެންދާކަމަށާއި، ކަމާއި ބެހޭ ކޮމިޓީއަށް އެމައްސަލަ ހުށަހަޅައި ބެލުމަށްފަހު ފިޔަވަޅު އަޅަން ޖެހޭނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އެ ކުޅުންތެރިންވެސް ބުނަމުން އަންނަނީ، އެ ރަސްމިއްޔާތުގައި ބައިވެރިވީ، ޤައުމީ ޓީމުގެ ކުޅުންތެރިންގެ ހައިސިއްޔަތުން ނޫންކަމަށާއި ބައިވެރިވީ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ. އަދި އެއީ ޤާނޫނީގޮތުންވެސް އެމީހުންނަށް ލިބިގެންވާ ޙައްޤެއް ކަމަށްވެސް އެކުޅުންތެރިން ބުނެއެވެ.


