ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޝިހާބު ހޮވިއްޖެ
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އެމަޖިލީހަށް ރައީސަކު އިންތިޚާބު ކުރުމަށްނެގި ސިއްރުވޯޓު ކާމިޔާބުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް މުހައްމަދު ޝިހާބު ހޮވިވަޑައިގެންފިއެވެ. އެމަނިކުފާނަށް ލިބިވަޑައިގަތީ 25 ވޯޓެވެ.
ޝިހާބާ ވާދަކުރި ރައީސުލް ޖުމްހޫރިއްޔާގެ މެންބަރ އަޙްމަދު ޒާހިރު (ސީނާ ޒާހިރު)އަށް ލިބިވަޑައިގަތީ ބާވީސް ވޯޓެވެ. ނަމަވެސް އެންމެ ފުރަތަމަ ބޭއްވުނު މަޖިލީހުގެ ޖަލްސާގައި 25 ވޯޓު ލިބިވަޑައިގެން އެދުވަހު ހޮވިވަޑައިގަތީ އަހްމަދު ޒާހިރެވެ. އެކަން ވަނީ މަޖިލީހުގެ ވަގުތީ ރައީސް ހަސަން އަފީފް، އިޢުލާންކުރައްވައި ޒާހިރަށް ތަހުނިޔާ ދަންނަވައި، އެ ނެގުނު ވޯޓާމެދު މެންބަރުން ފާޅުކުރައްވަން ބޭނުންފުޅު ޚިޔާލެއް އޮތްތޯ ބެއްލެވުމަށް މެންބަރުންނަށް ފުރުސަތުވެސް ދެއްވާފައެވެ. ނަމަވެސް އެފުރުސަތުގައި އެއްވެސް މެންބަރަކު އެ ވޯޓުގެ ސައްޙަކަމާމެދަކު އެއްޗެއް ވިދާޅެއްނުވެއެވެ. އެހެންކަމާއެކު މަޖިލީހުގެ ރައީސް ދެން ފުރުސަތު ހުޅުވާލެއްވީ މަޖިލީހުގެ ނައިބު ރައީސަކު ހޮއްވެވުމުގެ މައްސަލައަށެވެ. ރައީސަކު ހޮއްވެވުމަށް ނެގުނުމ ވޯޓާމެދު މައްސަލައެއް އޮތްކަމަސްބުނެ، މަޖިލީހުގެ މެންބަރަކު، ނިޒާމީ ނުކުތާއެއްގެ ދަށުން، އެހެން މައްސަލައެއް ކުރިމަތިކުރީ ނައިބުރައީސް ހޮބުމުގެ މަރުހަލާގައެވެ.
މިގޮތުން އެމެންބަރަކު ނެންގެވީ ވޯޓުބައި ބައިވެރިވެ ވަޑައިގެންނެވި މެންބަރަކު ކުންފުންޏެއްގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ވާހަކައެވެ. އެއީ ތެދެއްތޯ؟ ރިޔާސަތުން އެ މެންބަރުގެ ގާތުގައި އެއްސެވި ހިނދު، މެންބަރުކަމުން ވަކިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
މިމައްސަލައަކީ ގާނޫނުއަސާސީގައި މެންބަރަކު މެންބަރުކަމުން ވަކިވާނެކަމަށް ބުނެފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް އެދުވަހު ރިޔާސަތުން އެޖަލްސާ ހުއްޓާލައްވައި މިއަދުގެ ޖަލްސާގައި ކުރީދުވަހު މަޖިލީހުން ނެގި ވޯޓު ބާތިލްކުރެއްވި ކަން އިޢުލާންކުރެއްވިއެވެ. ވޯޓު ބާތިލްކުރެވޭނެ ގާނޫނުއަސާސީއާއި ޚިލާފުކަމަކީ، މިވެނިކަމެކޭ ކަނޑައެޅިގެން ވިދާޅެއް ނުވެއެވެ.އެހެންކަމާއެކު މެންބަރުން ނިޒާމީ ނުކުތާ ނަންގަވައި، މިއަދުގެ ޖަލްސާގައިވެސް، ގާނޫނުއަސާސީ ބުނާ ޝަރުތުތައް ހަމަނުވާ މެންބަރަކު އެބަ އިންނެވިކަމަށް ވިދާޅުވަމުން ގެންދެވިއެވެ. ނަމަވެސް މިއަދު މަޖިލީހުގެ ރައީސް ވިދާޅުވީ އެފަދަ މައްސަލައެއް އޮތްނަމަ އެމައްސަލައެއް ސްޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތްކަމަށެވެ. އެކަމަު ކުރީދުވަހު، މެންބަރަކު ނެންގެވި މައްސަލާގައި މިފަދަ ވާހަކަފުޅެއް ވިދާލެއް ނުވެއެވެ. އަދި އެމައްސަލައަކީ މެންބަރުކަމުން ވަކިވާފަދަ ޝަރުތެއް އޮތް މައްސަލައެއްވެސް ނޫނެވެ. އަދި އެދުވަހު ރިޔާސަތަސް ވަނީ އެ މެންބަރަކު އެ ވިދާޅުވީ ތެދެއްކަން ކަށަވަރުވާނެ ސިޓީއެއްވެސް ލިބިވަޑައިގެންފައެވެ. އެއީ އެ ޝަކުވާއެއް އުފުލުނު މެންބަރު އެ ބޯޑަކުން ވަކިކުރައްވާފައި އޮތް ކަމުގެ ސިޓީއެވެ. ނަމަވެސް ރިޔާސަތުން ވިދާޅުވީ ސިޓީ ލިބިވަޑައިގަތީ ވަރަށް ފަހުން ކަމަށެވެ.
މިއަދުގެ ޖަލްސާގައި، ވޯޓުނެގީ މިދިޔަ އާދިއްތަދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގެ ސައްހަކަމާމެދު ސުވާލު އުފެދިގެންނެވެ.


