އެފްއޭއެމްއިން ކަޕްވިނާސް ކަޕް ކެންސަލްކޮށް ދިރާގު ދިވެހި ލީގުގެ މުއްދަތު އިތުރުކުރަނީ
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަންނަ އަހަރުން ފެށިގެން ކަޕްވިނާސް ކަޕް ކެންސަލްކޮށް ދިރާގު ދިވެހި ލީގުގެ މުއްދަތު އިތުރުކުރަން ހަމަޖައްސައިފި ކަމަށް އެފްއޭއެމްއިން ވިދާޅުވެއްޖެއެވެ.
ޗެއަރމަން އަހުމަދު އާޒިމް ވިދާޅުވި ގޮތުގައި ކަޕްވިނަސް ކަޕް ފުޓްބޯޅަ މުބާރާތް ކެންސަލް ކޮށްފައިވަނީ ކްލަބްތަކަށް އެވްރެޖްކޮށް ކުޅެން ލިބޭނެ މެޗުތައް އިތުރުކުރުމުގެ ބޭނުމުގަޔާއި ކަޕްވިނަސް ކަޕްގެ ފޯރި ކެނޑެމުންދާތީވެ އާކުލައެއް ޖައްސާލުމުގެ ބޭނުމުގައެވެ. އެގޮތުން މިއަންނަ އަހަރުން ފެށިގެން ޗެރިޓީ ކަޕްގެ ނަމުގައި އެފްއޭއެމުން މެޗެއް ކުޅޭ ގޮތަށް ނިންމައިފި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އެމެޗު ކުޅޭނީ ސީޒަން ފެއްޓުމުގެ ގޮތުންނެވެ.
އޭނާ ވިދާޅުވީ މިއަހަރު ނިމުމުން ދިރާގާއި އެކު ވެފައިވާ އެއްބަސްވުން ހަމަވާތީވެ ދިރާގު ދިވެހި ލީގުގެ މުއްދަތު އިތުރުކުރަން ހަމަޖައްސައިފި ކަމަށެވެ. އެހެންކަމުން އެއްބަސްވުން ދިގު މުއްދަތަކަށް އިތުރުކުރުމަށް ދިރާގާއި ވާހަކަ ދައްކަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.


