އެމްޑީޕީއަށް ވެރިކަން ލިބޭތާ އަހަރު ދުވަހުގެ ތެރޭގައި ވަގުތީ ހިޔާތަކުގައި ދިރިއުޅޭ މީހުންނަށް ދާއިމީ ހިޔާވަހިކަން ހޯދަދޭނަން: އައްނި
އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ލިބޭތާ އެއްއަހަރު ތެރޭގައި ސުނާމީގައި ގެދޮރު ގެއްލި ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ ފަސްހާހަށްވުރެ ގިނަ މީހުންނަށް، އިންސާނުން ދިރިއުޅޭން ކަމުދާ ފެންވަރުގެ ދާއިމީ ބޯހިޔާވަހިކަމެއް ހޯއްދަވައިދެއްވާނެ ކަމަށް އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު، ( އައްނު) ވިދާޅުވެއްޖެއެވެ.
އައްނި މިހެން ވިދާޅުވީ އެބޭފުޅާގެ ރިޔާސީ ފަސް ވަޢުދުގެ ތެރެއިން އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވަޢުދު ނޫސްވެރިންނަށް ތަފްސީލްކޮށް ދިނުމަށް އަންގާރަ ދުވަހު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައެވެ. އެބައްދަލުވުމުގައި އައްނި ވިދާޅުވީ ސުނާމީގައި ގެދޮރު ގެއްލުނު 8327 އާއްމު ރައްޔިތުންގެ ތެރެއިން އަދިވެސް ދާއިމީ ގެދޮރު ނުލިބި 5071 މީހުން ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ ކަމަށެވެ. އަދި ދިވެހި ރައްޔިތުން މިހާލުގައި ދިރިއުޅެމުން ގެންދަނިކޮށް ކުރިމަތިވާ ހަތަރު ވަނަ ރޯދަމަސް މިހާރު ކުރިމަތިވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރަށް އަދުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް އައްނި ހާމަކުރެއްވިއެވެ.
އެގޮތުން މާލޭ ތޮއްޖެހެމުގެ މައްސަލަ ސާފުކޮށްދެއްވަމުން އައްނި ހާމަކުރެއްވި ގޮތުގައި މާލޭގައި ދިރިއުޅޭ ކޮންމެ ފަސް އާއިލާއަކުން އެއްއާއިލާގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދަމުންދަނީ ކޮޓަރިއެއްގެ ތެރޭގައި ކަމަށެވެ. ކަންތައް މިހެން އޮތް ނަމަވެސް މާލޭގައި ތޮއްޖެހުން ކުޑަކުރުމަށް ހިއްކި ހުޅުމާލޭގެ ބޮޑު ބައި އަދިވެސް ފަޅަށް އޮތްކަން އައްނި ފާހަގަކުރެއްވިއެވެ. ކަންމިހެން އޮތް އިރު ރައްޔިތުންގެ ގެދޮރު ގަތުމާއި ގެދޮރު ބިނާކުރުމަށް އެކަށީގެންވާ ލޯން އުސޫލެއް ނެތްކަމާއި ލޯނުދޫކުރުމަށް އެޗްޑީއެފްސީގެ ނަމުގައި މުއައްސަސާއެއް ކަނޑައަޅާފައި އޮތް ނަމަވެސް މިއިދާރާއަށް ބޭނުންވާ މާލީ އެހީތެރިކަމާއި އިންތިޒާމެއް ރޭވިފައި ނެތްކަން އައްނި ފާހަގަކުރެއްވިއެވެ. އަދި ބިން ބިމާއި ގޯތި ގެދޮރު ގަނެ ވިއްކުމުގެ ބާޒާރެއް ނެތްކަމާއި ބިން ބޭނުންކުރުމުގެ ޕްލޭނެއް ނެތްކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. މިކަންތައްތައް މިހެން ހުރުމުން އެމްޑީޕީގެ ސަރުކާރަކުން ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އާމާޒަކަށްވާނީ އިންސާނުން ދިރިއުޅޭ ފެންވަރަށް އަތްފޯރާފަށުގައި ކޮންމެ އާއިލާއަކަށް ހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް އައްނި ވިދާޅުވިއެވެ.
މީގެ އިތުރުން ގޯތި ގެދޮރު ބިނާކުރުމަށް ބޭނުންވާ ތަކެތިވެސް އަތްފޯރާ ހިސާބުގައި ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށާއި ގޯތު އެޅުމަށް އެޗްޑީއެފްސީއިން އަބަދުވެސް ލުއި ލޯނު ލިބޭނެ ގޮތް ހައްދަވާދެއްވާނެ ކަމަށެވެ. އަދި ބިން ބޭނުންކުރުމުގެ ޕްލޭން ރައްޔިތުންނާއި ގުޅިގެން އެކުލަވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.


