ނިއުޒިލެންޑްގެ މަޖުލީސް އިމާރާތުގެ ތެރޭގައި ހުދު ކުނޑިއެއް ދޫކުރެވުމާއެކު ފުލުހުން އެލަރޓަށް އައިސްފި
13 August 2008 | Salma
ނިއުޒިލެންޑްގެ މަޖުލީސް އިމާރާތުގެ ތެރޭގައި ހުދު ކުނޑިއެއް ދޫކުރެވުމާއެކު އެސަރަހައްދު އެލަރޓަށް ގެނެވިއްޖެއެވެ.
ނިއުޒިލެންޑްގެ ބޮޑުވަޒީރު މިނިސްޓަރ ހެލެން ކްލާކްގެ ފަރާތުން ވާހަކަދެއްކި ތަރުޖަމާން ހާމަކުރިގޮތުގައި މަޖިލީސް އިމާރާތުގެ އަށްވަނަ ފަންގިފިލާގައި އިއްޔެ، ސިޓީއުރައެއް ހުޅުވިތަނާ އެއިންވަނީ ހުދު ކުލައިގެ ކުނޑިއެއް މުޅިތަނަށް ބުރާފައެވެ. މިކަމާއި ގުޅިގެން އެވަގުތު އެތާނގައި ތިބި އެންމެންވަނީ ހޮސްޕިޓަލަށް ގެންގޮސް ޗެކްކުރެވިފައެވެ. ނަމަވެސް މިއިން އެއްވެސް މީހަކަށް މިކުނޑީގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައިވާކަމަށް ދައްކާފައި ނުވާކަމަށް މިކަމާބެހޭގޮތުން މަޖުލީހުން ނެރެފައިވާ ބަޔާނުގައި ހާމަކޮށްފައިވެއެވެ.
މި ސިޓީ އުރައިގައިވާ ކުނޑިއަކީ ކޮން މާއްދާއެއް ކަމެއް އަދި އެނގިފައިނުވާކަމަށާއި، މިކަން މިހާރުދަނީ ތަޙުޤީޤު ކުރަމުންކަމަށް އޮފިޝަލުން ވިދާޅުވިއެވެ.


