ޒަޢީމް މައުމޫން ކާށިދުއަށް ވަޑައިގެން ތާޢީދު ކުރާ ފަރާތްތަކާ ބައްދަލު ކުރައްވައިފި
"މައުމޫން ދެޙާސްއަށެއް" ކެމްޕެއިންގެ ދަށުން ޑީ.އާރުޕީގެ ޒަޢީމް ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި މިއަދުހެނދުނު ކ.ކާށިދޫ އަށް ވަޑައިގެން، ތާޢީދު ކުރާ ފަރާތްތަކާ ބައްދަލު ކުރައްވައިފިއެވެ. މައުމޫން ކާށިދޫއަށް ވަޑައި ގެންނެވުމުން ގިނަ ޢަދަދެއްގެ ބަޔަކު އެމަނިކުފާނަށް މަރުޙަކާ ކިއުމަށް ޒިޔާތްކުރިއެވެ. ހަމަ އެހެންމެ އެމަނިކުފާނުގެ ސިޔާސަތަށް ދެތިންމީހަކު ފާޑުކިޔައި ޝުޢޫރު ފާޅުކުރި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. އަދި ޒަޢީމްވަނީ އެމީހުންނާ ސަލާމްކޮށް ބައްދަލު ކުރައްވައި، އެމީހަކު ތާޢީދު ކުރާނެ މީހަކު އެނގޭނީ އެމީހަކަށް ކަމަށާއި، ކޮންމެމީހަކަށްވެސް އަމިއްލަ މިނިވަންކަން ލިބިގެންވާކަމަށް ވިދާޅުވި ކަމަށް މުރާސިމް މަޢުލޫމާތު ދެއްވިއެވެ.
މައުމޫން ކާށިދޫއަށް ވަޑައިގެންނެވުމުން ކުރިއަށް އޮތް 5 އަހަރު ދުވަހު ވެސް ޑރައީސް ކަމުގައި ހުންނެވުމަށް ބޭނުންވާކަމަށް ބުނެ މަރުޙަބާ ކިއުމަށްއެއްވި މީހުންވަނީ އަޑު އުފުލާފައެވެ.
އަދި އެރަށުގައި ރައީސް މައުމޫން ނޫސްވެރިންނާއި ބައްދަލުކުރައްވައި އެބޭފުޅުންގެ ސުވާލުތަކަށާއި އެރަށުގެ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި ބައެއް ރަށްރަށުން އެމަނިކުފާނަށް ތާއިދު ނުކުރައްވާ ފަރާތަކަށް ދޭން އޮތް މެސެޖަކީ ޚިޔާލު ފާޅުކުރުމަކީ ކޮންމެ ދިވެހި ރައްޔެތަކަށް ލިބިގެންވާ މިނިވަންކަމެއް ކަމަށާއި ހުރިހާ ރަށެއްގައި އެމަނިކުފާނަށް ތާއިދުކުރައްވާ ބޭފުޅުން ތިއްބެވުމަކީ ކޮންމެހެން މަޖުބޫރު ކަމެއް ނޫންކަމުގައި ވިދާޅުވިއެވެ. ކާށިދުއަށްފަހު ޒަޢީމް މައުމޫން މިއަދު މެންދުރުފަހުވަނީ ކ.ގާފަރަށް ވަޑައިގަންނަވާފައެވެ.


