ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި ބޭނުންފުޅުވާ މަގާމުތައް، ކަނޑައަޅުއްވައިފި
މި އޯގަސްޓް މަހުގެ 7 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައި ޢަމަލު ކުރައްވަން ފަށްޓަވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ވަޒީރުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމުތަކަށް، މީހުން ޢައްޔަން ކުރުމާއި، އެމަގާމުތަކުން މީހުން ވަކިކުރުމާއި، އެމީހުންގެ އިސްތިޢުފާ ގަބޫލު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައި ވުމާއެކު، އެމަގާމުތައް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރުގައި، ކަނޑައަޅުއްވާފައިވާ މަގާމުތައް މިވަނީއެވެ.
- ސީނިއަރ މިނިސްޓަރުންނާއި، އެފެންވަރުގެ މަގާމުތައް.
- މިނިސްޓަރުން ފެންވަރުގެ މަގާމުތައް
- ސްޓޭޓް މިނިސްޓަރުންނާއި، ވަޒީރުންގެ ނާއިބުންނާއި، ދައުލަތުގެ އެފެންވަރުގެ އެހެން މަގާމުތައް
- ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީގެ މަގާމު
- އަތޮޅުވެރިޔާގެ މަގާމު
- ބޭރުޤައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ރާއްޖެއިން ކަނޑައަޅާ ސަފީރުންގެ ނާއިބުގެ މަގާމު.
- އަތޮޅުވެރިޔާގެ ނާއިބުގެ މަގާމު
- މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމު
- މިނިސްޓަރުގެ ޕޮލިޓިކަލް އެސިސްޓެންޓްގެ މަގާމު
- މިނިސްޓަރުގެ ޕޮލިޓިކަލް ސެކްރެޓަރީގެ މަގާމު.
- ސަރުކާރުގެ އޮފީސް އޮފީހުގެ ތަރުޖަމާނުގެ މަގާމު.
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕަބްލިކް ސަރވިސް ޑިވިޜަނާއި، ޕަބްލިކް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓްގެ މަގާމުތައް.
- ރިޔާސީ ގަނޑުވަރުގެ މަގާމުތައް.
މިއެވެ.


