މިސްރުގެ އަންހެނެއް، އެއްމާބަނޑު 7 ކުދިން ވިހައިފި
17 August 2008 | Salma
އިއްޔެ ހެނދުނުގެ ވަގުތެއްގައި މިސްރުގެ އަންހެނެއް، އެއްމާބަނޑު 7 ކުދިން ވިހައިފިއެވެ.
27 އަހަރުގެ ޤަޒާލާ ޚާމިސްއަށް ލިބިފައިވާ މި 7 ކުދިން ނަގާފައިވަނީ ސިޒޭރިއަން ހަދައިގެންނެވެ. ޤަޒާލާގެ އޮޕަރޭޝަން ކުރި އަލް ޝަތުބީ ހޮސްޕިޓަލްގެ ޑިރެކްޓަރ އިމާދު ދާވިޝް ހާމަކުރިގޮތުގައި ޤަޒާލާއާއި އޭނާއަށް ލިބިފައިވާ 4 ފިރިހެން ކުދިންނާއި 3 އަންހެން ކުދިންގެ ހާލުވެސް ރަނގަޅެވެ.
ޤަޒާލާގެ އޮޕަރޭޝަން ކުރެވިފައިވަނީ އޭނާގެ ބަނޑަށް އަށް މަސް ވިތާ ދުވަސްކޮޅެއް ފަހުންކަމަށް ހޮސްޕިޓަލް އޮފިޝަލުން ހާމަކުރިއެވެ. މިހާ އަވަހަށް ސިޒޭރިއަން ހަދަން ޖެހުނީ ޤަޒާލާގެ ކިޑްނީއަށް މާބޮޑަށް ބާރުކުރަން ފެށުމުންކަމަށް އިމާދު ވިދާޅުވިއެވެ. މިކުދިން ބެލުމުގައި ޤަޒާލާއަށް އޭނާގެ އާއިލާގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެކަމަށްވެސް އިމާދު ވިދާޅުވެފައިވެއެވެ.
މިސްރުގެ ސިއްޙަތާބެހޭ މިނިސްޓަރުވަނީ ޤަޒާލާގެ 7 ކުދިންނަށް ދެމަސް ވަންދެން ހިލޭ ކިރާއި ނެޕީ ފޯރުކޮށްދޭނެކަމަށް ވިދާޅުވެފައެވެ.


