ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް އަޙްމަދު މުޢިއްޒުގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް މައްޗަންގޮޅީ ޑޯންޝައިން އަލްއުސްތާޛު އަޙްމަދު މުޢިއްޒުގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ޕްރޮސިކިއުޓަރ ޖެނެރަލް ޢައްޔަން ކުރަންވާނެ ކަމަށް ޤާނޫނުއަސާސީގެ 288 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އަދި އެމާއްދާގެ (ނ) ގައިވާ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް މީހަކު ޢައްޔަން ކުރާނީ، ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ.
މިގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ޢައްޔަންކުރާ މީހަކު ކަނޑައަޅާނީ، މި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ފަނަރަ ދުވަހުގެ ތެރޭގައި، އެމީހެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެމަޖިލީހުގެ ޖަލްސާއަށް ޙާޒިރުވެ، ވޯޓު ދިން މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން އެ ނަން ފާސްވެގެންނެވެ. އަލްއުސްތާޛު އަޙްމަދު މުޢިއްޒުގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، މިމަހުގެ 14 ވަނަ ދުވަހުއެވެ.


