އަންނަ ރިޔާސީ އިންތިޚާބަށް ރައީސް މައުމޫނަށް ކުރިމަތި ލެވޭތޯ ބެލުމަށް ބޭރުގެ މާހިރުންގެ ލަފާހޯދަނީ
ތަސްދީޤު ކުރައްވައިގެން މިހާރު ޢަމަލު ކުރެވެމުންދާ އައު ޤާނޫނުއަސާސީގެ ދަށުން އަންނަ ރިޔާސީ އިންތިޚާބަށް، މިހާރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ކުރިމަތި ލެއްވޭތޯ ބެއްލެވުމަށް ބޭރުގެ ޤާނޫނީ މާހިރުންގެ ލަފާ ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި ރިޔާސީ ކެނޑިޑޭޓް ޑރ.ޙަސަން ސަޢީދުގެ ކެމްޕެއިން ބައިވެރިޔާ ޑރ.އަހްމަދު ޝަހީދު ވިދާޅު ވެއްޖެއެވެ.
އިރު އޮބްޒާވަރުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ޝަހީދު ވިދާޅުވީ، މިމަސައްކަތަކީ، ކުރީގެ ޖަސްޓިސް މިނިސްޓަރ ޑރ.މުޙައްމަދު ޖަމީލު އަޙްމަދު އިސްވެ ހުންނަވައިގެން، ޝަހީދާއި، ހަސަން ހިމެނޭ ގޮތަށް އުފައްދާފައިވާ މޯލްޑިވްސް ރިފޯމް މޫވްމެންޓްކިޔާ ގްރޫޕަކުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.
މި މަސައްކަތުގެ ދަށުން އިންޑިޔާއާއި ލަންކާގެ އިތުރުން ޔޫރަޕުން ކަމާއިބެހޭ ޤާނޫނީ މާހިރުންގެ ލަފާ ހޯއްދެވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޝަހީދު ވިދާޅުވިއެވެ. ޝަހީދު ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ، ޚާއްސަ މަޖިލިސް އެއްކުރައްވައި، ދެހާސް ހަތަރުވަނަ އަހަރު އެމަޖިލީހުގެ ރައީސަކު ހޮވުމަށް ބޭއްވި ޖަލްސާގައި، ރައީސަކު ހޮވާނީ އަތްއުފުލައިގެން، ނުވަތަ ސިއްރުވޯޓަކުންތޯ، މެންބަރުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތު ވުމާގުޅިގެން، ލަންކާރެ ޤާނޫނީ މާހިރެއް ކަމުގައިވާ ޝިބްލީ ޤަޒީޒުގެ އަރިހުން ޤާނޫނީ ލަފާ ހޯއްދެވި ކަމަށާއި، އެހެންކަމުން އެފަރާތުން މިހޯއްދަވާ ޤާނޫނީ ލަފާގެވެސް ބަރުދަނެއް ހުންނާނެ ކަމަށެވެ. އަދި މިކަމުގެ ބޭނުމަކީ އެކަން އޮތްގޮތް ރައްޔިތުންނަށް އޮޅުން ފިލުވައި ދެއްވުން ކަމަށްވެސް ވިދާލުވިއެވެ. ޝަހީދު ތަކުރާރު ކުރެއްވި ގޮތުގައި މިހާރު ޢަމަލް ކުރެވެމުންދާ އައު ޤާނޫނު އަސާސީގެދަށުން ރައީސް މައުމޫނަށް ކުރިއަށް އޮތް ދައުރަށް ކުރިމައްޗެއް ނުލެއްވޭނެ އެވެ. އަދި ނުވައެއް ޖޫންގެ އިސްލާޙީ އެޖެންޑާ އިޢްލާން ކުރައްވަމުންވެސް މިޒަމާން ޤަބޫލު ކުރަނީ ވެރިކަމުގައި ދިހަ އަހަރު ހުންނެވުމަށް ކަމަށް ރައީސް ވިދާޅުވެފައިވާ ވިދާޅުވުމަކީ އެކަމުގެ އަމިއްލަފުޅު އިޢްތިރާފް ވުމެއް ކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.
އަނެއްކޮޅުން އައު ޤާނޫނު އަސާސީގެ ދަށުން ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް، ކުރިމަތި ލެއްވޭނެ ކަމަށް ވިދާޅުވެ، ޑީ.އާރު.ޕީ.ގެ ޒަޢީމުގެ ހައިސިއްޔަތުން އިންތިޚާބަށް ކުރިމަތި ލައްވައި ރައީސް މައުމޫން ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވަނީ، މިހާރު ޢަމަލު ކުރެވެމުންދަނީ އާޤާނޫނު އަސާސީއަކަށް ކަމަށާއި އެޤާނޫނު އަސާސީގެ ދަށުން އެމަނިކުފާނަށް ވެސް ކުރިމަތި ލެއްވާނެ ކަމަށެވެ. އަދި މިޤާނޫނު އަސާސިއަށް ޢަމަލްކުރަން ފެށުމުން ކުރީގެ ޤާނޫނުއަސާސީ އުވުނީކަމަށް ޚާއްސަ މަޖިލީހުން ފާސްކޮށް ޤާނޫނު އަސާސީގައި ލިޔެފައިވާ ކަމަށް ވިދާޅުވެ ޤާނޫނުއަސާސީން އެކަމާއިބެހޭ ޤާނޫނީ ނުކުތާތައް ދައްކަވާފައި ވެއެވެ.


