ވީބީ ގެއްލުނު އެއްވަނަ މަޤާމު އަލުން ހޯދައިފި
ދިރާގު ދިވެހި ލީގުގެ އިއްޔެ ވިޔެންސާއާ ވީބީ ބައްދަލުކުރި މެޗު އެއްވަރުވެ، ޓޭބަލުން ވީބީގެ ގެއްލިފައިވާ އެއްވަނަ މަޤާމް އަނެއްކާވެސް ހޯދައިފިއެވެ. ލީގުގެ އެއްވަނަ ވީބީއަށް ލިބުނީ އިއްޔެ ކުޅުނު މެޗުން އެކެއް އެކަކުން އެއްވަރުވެ ވެލެންސިއާއަށްވުރެ އެއް ޕޮއިންޓް އިތުރުވެގެންނެވެ. އެ މެޗުގައި ފުރަތަމަ ސްކޯރ ކުރީ ވިޔެންސާއެވެ. އެ މެޗުގެ ފުރަތަމަ ހާފް ނިމެނިކޮށް ވިޔެންސާގެ ލަނޑު ޖަހައިދިނީ އެޓީމުގެ ފޯވާޑް އަހުމަދު ރިލްވާން (ރިލޭ)އެވެ.
ދެވަނަ ހާފްގެ ކުޅުން ފެށިތަނާ ވީބީ ވަނީ ލަނޑެއް ޖަހާ މެޗު އެއްވަރުކޮށްފައެވެ. ވީބީއަށް ޓޭބަލްގެ އެއްވަނައަށް އެރުމުގެ ޖާގަ ހޯދައިދިނީ އެޓީމުގެ އާޒިމް ހުސެއިން (އެންޑީ) ޖަހައިދިން މި ލަނޑުންނެވެ. އިއްޔެގެ މެޗުން އެއްވަރު ވުމުގެ ސަބަބުން ވީބީ މިހާރު އޮތީ 18 ޕޮއިންޓާއެކު ލީގުގެ ޓޭބަލްގެ އެއްވަނާގައެވެ. އަދި ޓޭބަލްގެ ދެވަނައިގައި ވަނީ 17 ޕޮއިންޓާއެކު ވެލެންސިއާއެވެ.


