މަހުގެ އަގު ބޮޑުވިޔަސް މިފްކޯގެ އުފެއްދުންތައް ގަންނަ މިންވަރު ދަށަކަށްނުދޭ
ހުސްވި ޖުލައި މަހު މާލޭގެ ބާޒާރުގައި ކާބޯތަކެތީގެ ތެރެއިން އިންފްލޭޝަން ރޭޓް އެންމެ މައްޗަށް ގޮސްފައި ވަނީ ކަނޑު މަހުގެ ބާވަތުން ކަމަށް ވިޔަސް މިފްކޯގެ އުފެއްދުންތަކަށް އާއްމުން ދެމުން އަންނަ ތަރުޙީބު ކުޑަނޫން ކަމަށް މިފްކޯއިން މަޢުލޫމާތު ދެއްވައިފިއެވެ.
މިފްކޯއިން މަޢުލޫމާތު ދެއްވި ގޮތުގައި ކަނޑުމަހުގެ ބާވަތްތަކުގެ އަގު ބާޒާރުގައި އަގު ބޮޑުވެގެން ދިޔަ ނަމަވެސް އެކުންފުނީގެ އުފެއްދުންތަކަށް އާންމުން ދެމުން އަންނަ ތަރުޙީބު ކުޑަ ވެގެން ނުދާނެ އެވެ. މިފްކޯގެ އުފެއްދުންތައް ގަންނަ ފަރާތްތަކުން އަބަދުވެސް ކޮލިޓީއަށް ބަލާ ކަމަށާއި މިފްކޯގެ އަމާޒަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ އެކުންފުނީގެ ހުރިހާ އުފެއްދުންތަކަކީ ވެސް ވަރަށް ކޮލިޓީ އެއްޗެއް ކަމުގައި ހެދުން ކަމަށް އޭނާ މަޢުލޫމާތު ދެއްވިއެވެ.
މިދިޔަ ޖުލައި މަހު މާލޭގެ ބާޒާރުގައި އިންފްލޭޝަން އެންމެ މައްޗަށް ގޮސްފައިވަނީ ކަނޑުމަހުގެ ބާވަތްތަކުންނެވެ. އެގޮތުން އެބައިން 22.70 އިންސައްތަ ވަނީ މައްޗަށް ގޮސްފައެވެ. ހުސްވި ޖުލައި މަހު އަގުތައް މައްޗަށް ދިޔަ ކަނޑުމަހުގެ ބާވަތްތަކަކީ ލައްޓި، ގޮދާ އަދި ތެޔޮ މަސްދަޅެވެ.
މިފްކޯއިން ވަނީ މިދިޔަ ހަފްތާގައި އެތަނުން އުފައްދާ ޗަންކްއިން ބްރައިންނާއި ޗަންއިން އޮއިލް މަސްދަޅަކުން 50 ލާރި ކުޑަކޮށްފައެވެ. އެއީ މަސްވެރިކަން ރަނގަޅުވެ އެތަނުގެ ބޯޓުތަކަށް މަސްވެރިންގެ އަތުން މަސްގަންނަން ލިބޭ އަގު ދައްވުމާއި ގުޅިގެންނެވެ. އަންނަ ރަމަޟާން މަހު މިފްކޯގެ އާ އުފެއްދުންތަކެއް ބާޒާރުން ފެނިގެން ނުދާނެ ކަމަށް އެކުންފުނިން މަޢުލޫމާތު ދެއްވިއެވެ. ނަމަވެސް މިފްކޯގެ އުފެއްދުންތައް އާންމުންނަށް ތަޢާރަފްކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރައްވަމުންދާނެ ކަމަށް އެފަރާތުން ވިދާޅުވިއެވެ. އެގޮތުން މިދިޔަ ހަފްތާގައި އެސްޓީއޯއިން ވަނީ މިފްކޯގެ އުފެއްދުންތައް އާންމުންނަށް ތަޢާރަފްކުރުގެ ޕްރޮމޯޝަނެއް ފަށާފައެވެ.


