މަތިމަރަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ދެމީހުންގެ ހާލު ވަރަސް ސީރިއަސް
ލ. ގަން މަތިމަރަދޫ އަވަށުގައި ރޭ 7 ގަޑި ބައިގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ދެމީހުންގެ ހާލު ވަރަށް ސީރިއަސްކަމަށް އެރަށު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
ރޭގައި ހިނގި އެ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އެރަށު މޫންލައިޓްގޭ އަހުމަދު އަނީސް(19އ) އާ ހދ ހަނިމާދޫ މުސްތަރީގޭ އަހުމަދު ރަޝީދު(24އ)އެވެ. ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި މި ދެމީހުންގެ ތެރެއިން އަނީސްގެ ހާލު ވަރަށް ސީރިއަސްއެވެ. އެގޮތުން އޭނަޔަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ކޯކަށިގަނޑުގެ ތިން ތަނުން ބިންދައިގެން ދިއުމާއި، ފަލަމަސްގަނޑުގެ ކަށިގަނޑުގެ މެދުން ބިންދައިގެން ދިއުން ހިމެނެއެވެ. އަދި އަނީސްގެ ހޭ ނެތުމުގެ ސަބަބުން ނޭވާލަނީ ވެންޓިލޭތަރުގެ އެހީގައި ކަމަށް އެފަރާތުން ވިދާޅުވިއެވެ.
ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި ރަޝީދުއަށް މާ ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވިކަމުގައިވިޔަސް ކަނާތު ފައިގެ ފަލަމަސް ގަނޑު ބިންދައިގެން ދިއުމާއި، ކަނާތު ކޮނޑު ބިންދައިގެން ދިއުމާއި، އަނގައިން ތިން ދަތް ބިންދައިގެންގޮސް މޫނުމައްޗަށް ކުދި ކުދި އަނިޔާތަކެއް ލިބިފައިވެއެވެ. އެފަރާތުން ވިދާޅުވީ އެދެމީހުން ވަނީ ރޭ ދަންވަރު ޗާޓަރ ފްލައިޓަކުން މާލެ ގެނެސްފައި ކަމަށާއި އެދެމީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަމަށެވެ.
ސައިކަލަކާ ޕިކަޕެއް ޖެހި ހިނގި އެ އެކްސިޑެންޓްގައި ސައިކަލް ބޭނުންނުކުރެވޭ ވަރަށް ހާލާކުވެފައިވެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެދެ މީހުންނަކީ އެމްޓީސީސީގައި މަސައްކަތްކުރާ ދެމީހުންނެވެ.


