ޢާންމު ޚިދްމަތުގެ އިނާމަށް ނަން ހުށަހެޅުއްވުމުގެ ފުރުސަތު، ރައީސް އޮފީހުން ހުޅުއްވާލައްވައިފި
ޢާންމުޚިދްމަތުގެ އިނާމު ދެއްވުމަށް އެކި އޮފީސްތަކަށް ފެނިވަޑައިގަންނަވާ ފަރާތްތަކުން އެއޮފީސްތަކަށް ފެނިވަޑައިގަންނަވާ ނަންތަކާއި، އެކިއެކި ކްލަބް، ޖަމްޢިއްޔާ، ކުންފުނިފަދަ ތަންތަނުންނާއި، އަމިއްލަ މީސްމީހުންނަށް ފެނިގެން، ޢާންމު ޚިދްމަތުގެ އިނާމަށް ހުށަހަޅާ ފަރާތްތަކާއި، އިނާމަށް އެދޭ ފަރާތްތަކަށް، އެ އިނާމަށް އެދި ހުށަހެޅުއްވުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުއްވާލައްވައިފިއެވެ.
ޢާންމުޚިދްމަތުގެ އިނާމަށް ހުށަހަޅާ ފަރާތްތަކުންނާއި، އެ އިނާމަށްއެދޭ ފަރާތްތަކުން، ފުރިހަމަ ކުރައްވަންޖެހޭ މަޢްލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އިނާމަށްއެދޭ ދާއިރާއަކާ ގުޅޭ ކަންތައްތައް ބަލަހައްޓަވާ ސަރުކާރުގެ އޮފީހަކަށް، މި ފޯމު ހުށަހަޅުއްވަންޖެހެނީ، އަންނަ ސެޕްޓެމްބަރ މަހުގެ 14 ވަނަ ދުވަހުގެ ކުރިންނެވެ. މި ފޯމް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ ޑަބްލިޔޫ ޑަބްލިޔޫ ޑަބްލިޔޫ ޑޮޓް ޕްރެޒިޑެންސީ މޯލްޑިވްސް ޑޮޓް ގަވް ޑޮޓް އެމްވީ (www.presidencymaldives.gov.mv) އެވެ.
ޢާންމު ޚިދްމަތުގެ އިނާމަށްއެދޭ ފަރާތްތަކުން ހުށަހަޅުއްވާ މަޢްލޫމާތު، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ އެއޮފީހަކުން ރަނގަޅަށް ބެއްލެވުމަށްފަހު، އިނާމު ޙައްޤުވާކަމަށް ފެނިވަޑައިގަންނަވާ ފަރާތްތަކުގެ މަޢްލޫމާތު، އެއޮފީހަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވަންޖެހެނީ އަންނަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިންނެވެ.


