މަސްއޫލުވާނެ ވަޒީރުން ނެތް މުއައްސަސާތަކަށް، މަސްއޫލުވާންޖެހޭ ވަޒީރުން ހަމަޖެއްސެވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފި
މިހާރު އުފައްދަވާފައިވާ ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން މަސްއޫލުވާނެ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ހަމަޖެހިފައި ނެތް މުއައްސަސާތަކަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގެ ދަށުން މަސްއޫލުވާންޖެހޭ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހަމަޖެއްސެވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ވަނީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުސްތަޤިއްލު މުއައްސަސާތަކާއި، ޤާނޫނަކުން އުފައްދާ މުސްތަޤިއްލު އެހެން މުއައްސަސާތައް ފިޔަވައި، ސަރުކާރުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ޤާއިމުކުރާ ކޮންމެ އިދާރާއަކާއި ކޮންމެ މުއައްސަސާއަކާ މަސްއޫލުވާނޭ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ހުންނަންވާނެ ކަމަށެވެ.
ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ، އެ މެންބަރަކާ ހަވާލުކުރެވޭ ކޮންމެ އިދާރާއެއްގެ ނުވަތަ ކޮންމެ މުއައްސަސާއެއްގެ ހިންގުމަށް ޒިންމާ އުފުލައި ޖަވާބުދާރީވާންވާނެ ކަމަށެވެ. ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ހަމަޖެހިފައި ނެތް ސަރުކާރުގެ މުއައްސަސާތަކަށް މަސްއޫލުވާނެ ވަޒީރަކު ހަމަޖެއްސެވުމާ ބެހޭގޮތުން މެންބަރުން ވާހަކަފުޅު ދައްކަވައި، އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ޚިޔާލުފުޅު ހުށަހެޅުއްވިއެވެ.


