އާ ތިންބޭފުޅުން، ގުޅިވަޑައިގަތުމަކީ، ވަޒީރުންގެ މަޖިލީހަށް އިތުރު ކުރިއެރުން ލިބޭނެ ކަމެއް:ރައީސް

Adjust font size: Decrease font Enlarge font
image

ވަޒީރުންގެ މަޖިލީހާ އަލަށް ގުޅިވަޑައިގެންނެވި ތިންބޭފުޅުން،އެ މަޖިލީހާ ގުޅިވަޑައިގަތުމަކީ، މަޖިލީހަށް އިތުރު ކުރިއެރުން ލިބޭނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ،މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނު ވަޒީރުންގެ މަޖިލީހަށް ޢައްޔަން ކުރެއްވި ޑޮކްޓަރ ޢާއިޝަތު ޝިހާމާއި، ޑޮކްޓަރ އިބްރާހީމް ޙަސަނާއި، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު، ތަޢާރުފު ކުރެއްވުމުގެ ގޮތުން، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި،މި ތިން ބޭފުޅުންނަކީ ޕީ.އެޗް.ޑީ ޙާޞިލު ކުރައްވާފައިވާ، ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމުގައި ވިދާޅުވިއެވެ. އަދި އެއިން ކޮންމެ ބޭފުޅަކީވެސް، އެބޭފުޅަކު އެ ޙަވާލުވެވަޑައިގެންނެވި ދާއިރާގެ މަޢްލޫމާތު ރަނގަޅަށް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމުގައިވެސް ވިދާޅުވިއެވެ. މިއަދުގެ މިބައްދަލުވުމުގައި،މި ތިން ވަޒީރުންވެސް ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ.

 ޑޮކްޓަރ ޢާއިޝަތު ޝިހާމް ދެއްކެވި ވާހަކަފުޅުގައި، އެކަމަނާއާ ގުޅޭ ދާއިރާއެއްގައި ޚިދްމަތް ކުރެއްވުމުގެ ފުރްޞަތު، ރައީސުލްޖުމްހޫރިއްޔާ ދެއްވިކަން އެއީ، ލިބިވަޑައިގެންނެވި ވަރަށްބޮޑު ޝަރަފެއް ކަމަށް ވިދާޅުވިއެވެ. ޑޮކްޓަރ އިބްރާހީމް ޙަސަން ނޫސްވެރިންނާ ބައްދަލުކުރައްވަމުން ވިދާޅުވީ، ވަޒީރުންގެ މަޖިލީހަށް ވަޑައިގަތުމުގެ ފުރްޞަތު، ރައީސުލްޖުމްހޫރިއްޔާ ދެއްވިކަން އެއީ އެމަނިކުފާނަށްވެސް ލިބިވަޑައިގެންނެވި ވަރަށްބޮޑު ޝަރަފެއް ކަމުގައެވެ. އަދި ޤައުމު އެދޭ ކަމެއް ކޮށްދިނުމަކީ، ވަރަށް މުހިންމު ވާޖިބެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ.

ޑޮކްޓަރ ޢަލީ ޙައިދަރުގެ ވާހަކަފުޅުގައި، ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް މިނިސްޓަރުކަމާ އެމަނިކުފާނު ހަވާލުވެވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާ ކުރެއްވި އިތުބާރާއި، ދެއްވި ފުރްޞަތުގެ ބޭނުން ހިފުމުގެ ގޮތުން ކަމުގައި ވިދާޅުވިއެވެ. އަދި މިދާއިރާގައި މަސައްކަތް ކުރެއްވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެއް ކަމަށްވެސް ވިދާޅުވިއެވެ. މި ތިންބޭފުޅުން ވަޒީރުކަމަށް ޢައްޔަން ކުރެއްވުމާ ގުޅިގެން، ޚަބަރުފަތުރާ ވަސީލަތްތަކުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވި ސުވާލުތަކަށް، ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ. އަދި ވަޒީރު ކަމަށް ހަމަޖެއްސެވި ތިންބޭފުޅުންވެސް، އެބޭފުޅުންގެ ދާއިރާގެ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވިއެވެ.

 

(Wvcawrukun ulwdwb cawscaevid ujEaugcnel uDObIk cSwmuyil cniawnWt) cSwmuvcaedulWyiK cSwmuyilim

This website is compatible with Internet Explorer - Hosted By MediaHostWorld